ENGLISH

14 ޖޫން 2026

Advertisement

ކުރިއަށް ހުރި ހުރިިހާ ބައި-އިލެކްޝަނެއް ކާމިޔާބުކޮށް، ރިޔާސީ އިންތިހާބު ނަގާނަން: ސަލީމް

14 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމު

ކުރިއަށް އޮތް ތަނުގައި ބާއްވާ ހުރިހާ ބައި-އިލެކްޝަނެއް ކާމިޔާބުކޮށް، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސޭހަކަމާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކާމިޔާބުކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވެއްޖެއެވެ. 

އިއްޔެ ކުރިއަށްގެންދިޔަ އިންތިހާބަކީ މީދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމަށް އޭޕްރީލު ހަތަރުވަނަ ދުވަހު ނެގި ވޯޓުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކާއެކު އެ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަަށް ލިބިވަޑައިގަތް ވޯޓު އެއްވަރުވުމާ ގުޅިގެން ބޭއްވި އިތުރުބުރުގެ އިންތިހާބެވެ. 

އެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު 54.09 އިންސައްތައިގެ އަޣުލަބިއްޔަތުން މީދޫ ކައުންސިލުގެ ރައީސްކަން ކާމިޔާބުކުރެއްްވީ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމެވެ. އެއާއެކު އެ ރަށު ކައުންސިލުގެ ތިން ގޮނޑިވެސް އެ ޕާޓީއަށް ކާމިޔާބުވެފައިވެއެވެ. 

އެ ކާމިޔާބީ އިހުތިފާލުކުރުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގެންނެވި ވަގުތު އެރަށުގައި ހުންނަވައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ސަލީމު ވިދާޅުވީ މީދޫން ޕީއެންސީއަށް ލިބުނު ކާމިޔާބަކީ ވަރަށް މުހިއްމު ކާމިޔާބެއް ކަމަށެވެ. 

އަދި އޭޕްރީލު މަހުގައި ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓިތަކުގެ އިންތިހާބުގައި ޕީއެންސީން އެންމެ އެދޭ ނަތީޖާ ނުނެރެވުނީ ހުރިހާ ދާއިރާއަކަށް ކެމްޕެއިންކުރަމުންދިޔައިރު، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް ކެމްޕެއިން ކުރަންޖެހުމުން އެންމެ އެކަށީގެންވާ ގޮތަށް ސަމާލުކަންދީގެން މަސައްކަތްނުކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ނަތީޖާއަކީ ރައީސަށާއި ޕީއެންސީއަށް ތާއީދު ނެތްކަމަށް ދަލީލުކުރާ ނަތީޖާއެއް ނޫންކަމަށް ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ލީޑަރު ވިދާޅުވިއެވެ. 

"ލޯކަލް ކައުންސިލު އިންތިހާބުގައި އަޅުގަނޑުމެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރިއިރުގައި ފެންނަ ނުފެންނަ ވޯޓުގައި، މިދެއެއްޗާއެކު މަސައްކަތްކުރުމުގެ ނަތީޖާއަކީ ކޮންމެެވެސް މިންވަރެއްގެ އުނިކަން އައުން. އެހެންނޫންނަމަ 80 ޕަސެންޓް ނަގާނެ. މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި އިންތިހާބެއް ބޭއްވިޔަސް އަޅުގަނޑުމެން ކާމިޔާބުކުރާނަން،" ސަލީމު ވިދާޅުވިއެވެ. 

އިތުރަށް ސަލީމު ވިދާޅުވީ ކުރިއަށް އޮތް ހުރިހާ ބައި-އިލެކްޝަނެއްގަައިވެސް ޕީއެންސީން ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ތައްޔާރުވެ އެ އިންތިހާބުވެސް ތަފާތު ބޮޑުކޮށް ކާމިޔާބުކުރާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ނުލައި އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ސަލީމު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު މީދޫއަށް ވަޑައިގަތުމުން އެ ރަށުގެ ގިނަ ބަޔަކު އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި ޕީއެންސީއަށް އެ ރަށުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ ދެކަނބަލުން މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު