ENGLISH
14 ޖޫން 2026
މިސްރުގެ ޖާޒީން ހަތް ތަރި އުނިކުރުމަށް ފީފާއިން މީގެ މަސްތަކެއް ކުރިން އަންގާފައިވޭ
14 ޖޫން 2026
|
މިސްރުގެ ތަރި މުޙައްމަދު ސަލާހު: އެ ޓީމުގެ ޖާޒީގައި ހުންނަ ހަތް ތަރިން ރަމްޒުކޮށްދެނީ އެ ގައުމުން ހޯދާފައިވާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކާމިޔާބީތައް ---
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް މެޗުތަކުގައި އެ ޤައުމުން ބޭނުންކުރާ ޖާޒީގައި، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ހަތް ކާމިޔާބީ ރަމްޒުކޮށްދޭ ހަތް ތަރި ނުހިމެނޭނެ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހާމަކޮށްފިއެވެ. މިއީ ފީފާގެ މިންގަނޑުތަކަށް އަމަލުކުރުމަށް އެ އިދާރާއިން ހަނދާންކޮށްދިނުމުން، އެކަމާ ގުޅިގެން ނިންމި ނިންމުމެކެވެ.
މިސްރުގެ ޤައުމީ ފުޓްބޯޅަ ޓީމުން އެފްރިކާ ބައްރުގެ މުބާރާތުގައި ހޯދާފައިވާ ހަތް ކާމިޔާބީ ރަމްޒުކޮށްދިނުމުގެ ގޮތުން، އާންމުކޮށް އެ ޓީމުގެ ޖާޒީގައި ހުންނަ ނިޝާނުގެ މަތީގައި ހަތް ތަރި ހިމަނައެވެ. ނަމަވެސް، ފީފާގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި، އެ ޓީމުގެ "ޕޫމާ" ކިޓުގެ ޑިޒައިންއަށް ބަދަލު ގެންނަންޖެހޭނެކަން މިއަހަރުގެ ކުރީކޮޅު ވަނީ އަންގާފައެވެ.
މިކަމާ ގުޅޭގޮތުން އީއެފްއޭގެ މީޑިއާ އޮފިސަރު މުޙައްމަދު މުރާދު ސާބިތު ވިދާޅުވީ ވޯލްޑް ކަޕުގެ މެޗުތަކުގައި ބޭނުންކުރާ ޤައުމީ ޓީމުގެ ޖާޒީގައި، އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކާމިޔާބީ ރަމްޒުކޮށްދޭ ތަރިތައް ނުބެހެއްޓުމަށް މީގެ ހަތަރު މަސް ކުރިން ފީފާއިން އެ އެސޯސިއޭޝަނަށް އަންގާފައިވާ ކަމަށެވެ.
"މިއީ ހަމައެކަނި ރޫޓިން ފިޔަވަޅެއްގެ ގޮތުގައި ކުރެވުނު އިިއުލާނެއް. ޤައުމީ ޓީމުން ވަނީ ކުރިންވެސް މިކަމަށް ލަފާކޮށް، މާކުރިން މިކަމަށް ބޭނުންވާ ތައްޔާރީތައްވެސް ފުރިހަމަކޮށްފައި،" މުރާދު ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ލިބިފައިވާ ތާރީޚީ ޝަރަފުތައް ފާހަގަކުރުމުގެ ގޮތުން ޖާޒީގައި ތަރި ޖެހުމަކީ އެ ޤައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އިޚުތިޔާރު ލިބިގެންވާ ކަމެކެވެ. އަދި އެކި ޤައުމުތަކުގެ ފެޑެރޭޝަންތަކުން މި އުސޫލުތަކަށް އަމަލުކުރަނީ އެކި ގޮތްގޮތަށެވެ.
ނަމަވެސް ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި ފީފާއިން ބާރުއަޅަނީ، ޤައުމީ ޓީމުގެ ކިޓުގައި ތަރި ޖެހޭނީ ހަމައެކަނި އެ މުބާރާތް ކާމިޔާބުކޮށްފައިވާ އަދަދަށް ބަލައިގެން ކަމަށެވެ.
މި ގަވާއިދަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އުރުގުއޭއެވެ. އެ ގައުމުގެ ކިޓުގައި ހަތަރު ތަރި ޖެހުމުގެ ހުއްދަ ލިބިފައިވެއެވެ. އެއީ 1930 އާއި 1950 ވަނަ އަހަރު ކާމިޔާބުކުރި ދުނިޔޭގެ ތަށީގެ އިތުރުން، ފީފާގެ ބެލުމުގެ ދަށުން ބޭއްވި 1924 އާއި 1928 ވަނަ އަހަރުގެ އޮލިމްޕިކް ރަން މެޑެލްގެ ރަމްޒެއްގެ ގޮތުންނެވެ.
މީގެ އިތުރުން، ފީފާގެ އެދުމުގެ މަތިން މިސްރުގެ ޓީމުގެ ޖާޒީގައި ޖަހާފައިވާ ނަންބަރުތަކުގެ ކުލަވެސް މިހާރު ވަނީ ބަދަލުކޮށްފައެވެ.
"ޖާޒީގެ ނަންބަރުތައް ރަން ކުލައިން ހުދު ކުލައަށް ބަދަލުކުރުމަށް ފީފާއިން އެދުނު،" މުރާދު ވިދާޅުވިއެވެ. "ޖާޒީ ފަރުމާކުރި ޕޫމާ ކުންފުނިން ނަންބަރުތައް ހުދު ކުލައަށް ބަދަލުކުރީ، ނަންބަރުތައް ކުރިއަށްވުރެ ސާފުކޮށް ފެންނަން ހުންނާނެކަން ޔަގީންކުރުމަށްޓަކައި."
މި މުބާރާތުގައި މިސްރު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ސިއެޓްލްގައި ބެލްޖިއަމާ ދެކޮޅަށް ނުކުންނައިރު، އޭގެ ހަ ދުވަސް ފަހުން ވެންކޫވަރގައި ނިއުޒިލޭންޑާ ދެކޮޅަށް ކުޅޭނެއެވެ. ގްރޫޕް ޖީގައި އެ ޓީމު ކުޅޭ ފަހު މެޗުގައި މި މަހުގެ 26 ގައި ސިއެޓްލްގައި ބައްދަލުކުރާނީ އީރާނާއެވެ.