ENGLISH

14 ޖޫން 2026

Advertisement

ފިނޭގައި ތަރައްޤީކުރި ފުލުހުންގެ މަރުކަޒު ހުޅުވައިފި

14 ޖޫން 2026

|

އާމިނަތު ނުޒްލާ

ފިނޭ ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- އެމްޓީސީސީ

ހދ. ފިނޭ ފުލުހުންގެ މަރުކަޒު މިއަދު ހުޅުވައިފިއެވެ.

ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އާއި، އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީ އާއި، ފިނޭގެ ކައުންސިލް ރައީސް ޢަބްދުއްލަތީފް ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ފިނޭ ކައުންސިލްގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ފިނޭ ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- އެމްޓީސީސީ

ފުލުހުންގެ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރީޫޢުގެ ދަށުން ކޮންކްރީޓް މަސައްކަތާއި، ފުރާޅު ހަރުކުރުމާއި، ސީލިންގ ހަރުކުރުމާއި، އަދި ކަރަންޓު ވަޔަރިންގ މަސައްކަތްތައް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ދަވާދުލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ވަށާ ފާރު ރޭނުމާއި، ފިލާ އަދި ދަގަނޑު މަސައްކަތްވެސް ހިމެނެއެވެ. މިއީ 2.20 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރުއެކެވެ.

623 މީހުންގެ އާބާދީއެއް ދިރިއުޅޭ ހދ ފިނޭ އަކީ ދަނޑުވެރި ރަށެކެވެ. ފުލުހުން ބުނީ، ފިނޭގައި ޕޮލިސް ސްޓޭޝަނެއް ޤާއިމުކުރެވިގެން ދިއުމާއެކު ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ވޭތުވެދިޔަ 45 އަހަރު ތެރޭ، އެމްޓީސީސީ ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި، އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީ އަންނަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު