ENGLISH
14 ޖޫން 2026
ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ މާދަމާ ރޭ
14 ޖޫން 2026
|
އެންމެ މަޤްބޫލު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މާދަމާ ރެއަށް ހަމަވާނެއެވެ.
ކުރިން އޮތް ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކަށް ކުރިމަތިލާން ދިން ސުންގަޑި މިދިޔަ މަހުގެ ނިޔަލަށް ހަމަވާނެއެވެ.
ނަމަވެސް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަހުން މާދަމާ ރޭ 23:59 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނެވެ.
ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ނިމިދިޔަ އަޟްޙާ ޢީދަކީ ގިނަ ބަޔަކު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއެކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ވުޒާރާއަށް ލިބެމުން އަންނާތީކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އޭރު ބުންޏެވެ. މާދާމާރެއަށް މުއްދަތު ހަމަވާއިރު ދެން އިތުރަށް މުއްދަތު އިތުރުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވެއެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.