ENGLISH

14 ޖޫން 2026

Advertisement

"އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް"ގައި ދެ ފުލުހަކު ބައިވެރިވެއްޖެ

14 ޖޫން 2026

|

އާމިނަތު ނުޒްލާ

"އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް"ގެ ތެރެއިން-- ފޮޓޯ: ފުލުހުންގެ އިދާރާ

އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންގޮސްފައިވާ "އޭޝިއާ ރީޖަން ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް" ގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަޞީޙް އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އެވެ.

ފުލުހުންގެ ހިދުމަތުން ބުނީ، މި ޕްރޮގްރާމަކީ ސަރަހައްދީ ފެންވަރުގައި ކުރިމަތިވާ ސަލާމަތީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށްޓަކައި، ސަރަހައްދުގެ ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 2 އިން 10 ވަނަ ދުވަހާ ހަމައަށެވެ.

މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކުގެ ޑިޖިޓަލް ފުޓްޕްރިންޓާއި، ޓެކްނޮލޮޖީގެ ދާއިރާއިން އަލަށް ތައާރަފުވަމުންދާ ކަންކަމުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާނެ އުކުޅުތަކުގެ މައްޗަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، ބަދަލުވަމުންދާ ކުށުގެ ވެށީގައި ސަރަހައްދީ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

އެ ހިދުމަތުން ބުނީ، ބައިނަލްއަގްވާމީ ތަމްރީނުތަކުގައި އެއްބާރުލުން ދީ އެ ފުރުސަތުތަކުގެ ބޭނުންހިފައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަކީ، އެ ޚިދުމަތުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭ ކަމައް ކަމަށެވެ.   

ކިޔުންތެރިންގެ ހިޔާލު