ENGLISH
14 ޖޫން 2026
އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުނުކުރެވޭ ހިއްސާ ބަލައިގަންނަން: ރައީސް
14 ޖޫން 2026
|
23 މާރިޗު 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތެލަސީމިއާ ސެންޓަރަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ ފަރާތްތަކުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަމުންދާ އަގުނުކުރެވޭފަދަ ހިއްސާ ބަލައިގަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
"އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ ފަރާތްތަކުން، ފުރާނަ ސަލާމަތްކުރުމަށްޓަކައި ވަމުންދާ އަގުނުކުރެވޭފަދަ ހިއްސާ ބަލައިގަންނަން. އަމިއްލަ އެދުމެއް ނެތް އަމަލަކީ، ދިގު މުއްދަތަކަށް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި، ކުއްލި ފަރުވާއަށް ބޭނުންވާ ބަލި މީހުންނަށް އެންމެ ބޭނުންޖެހޭ ވަގުތުގައި ބޭނުންވާ އެހީތެރިކަން ލިބުން ކަށަވަރުކޮށްދޭ ކަމެއް" ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދުނިޔެ ކުރިއަރއި ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދިޔަސް، ލެޔަކީ އަދިވެސް އޭގެ ބަދަލުގައި އެހެން އެއްޗެއް ބޭނުން ނުކުރެވޭފަދަ ވަސީލަތެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އާއްމު ސިއްޙަތު ރައްކާތެރިކުރުމަށާއި، ޞިއްޙީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށް އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ވިދާޅުވެފައެވެ.
ޞިއްޙީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތު ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރެވޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި، ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކޮށް ރައްކާތެރިކުރުމުގެ ސަގާފަތެއް އެކުލަވާލުމަށް ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ރާއްޖޭގައި ތެލަސީމިއާ ދަފްތަރުގައި ތިބޭ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ކުރިން މާލޭގައި ތެލަސީމިއާ ސެންޓަރު ހިންގި އިމާރާތް ބަންދުކޮށް މި ސަރުކާރުން ވަނީ ހުޅުމާލެ އޮރެންޖު ހިޔާ އިމާރާތަށް ސެންޓަރުގެ ހިދުމަތް ބަދަލުކޮށްފައެވެ. އެ އިމާރާތަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތް ބަދަލުކުރީ ވަސީލަތްތަކާއެކު ހުރިހާ ހިދުމަތް ލިބޭ ގޮތަށެވެ. މި ބަދަލާއެކު މީގެކުރިން ތެލަސީމިއާ ފަރާތްތަކަށް ނުލިބޭ ގިނަ، އަވަސް ހިދުމަތްތަކެއް މިހާރު އަންނަނީ އެ ސެންޓަރު މެދުވެރިކޮށް ލިބެމުންނެވެ.