ENGLISH

14 ޖޫން 2026

Advertisement

ދިއްދޫ ބަލިކޮށް ޓީސީ ކުރިއަށް

14 ޖޫން 2026

|

އިސްމާއިލް ޝާހު

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ޓީސީ އާއި ދިއްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ހއ. ދިއްދޫ ބަލިކޮށް ތާވަލުގެ ކުރިއަށް ޓިސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރާ ޓީމުތަކަކީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ. 

ކޮލިފައިންގައި މިރޭ ކުޅުނު މެޗުގައި ޓީސީން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން ނުވަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމް އޮލަޑިމޭޖީ ޖިމޯއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ބޯޑު ޕްރިންސް ވަނީ ޓީސީގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ޓީސީން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ދިއްދޫގެ ހުސެއިން ރަޝީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މއީ ކޮލިފައިންގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ. މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ބިސް ބުރާއި، ދެވަނައިގައި އޮތް ޓީސީއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ގައްްދޫ އާއި، ހަތަރުވަނައިގައި އޮތް ދިއްދޫއަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ފަސްވަނައިގައި އޮތް ހުރާ އާއި، ހަވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

ކޮލިފައިންގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހެވެ. އެ ދުވަހުގެ ހަވީރު ހުރާ އާއި ދިއްދޫ ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު