ENGLISH
13 ޖޫން 2026
މީދޫ ކައުންސިލް ރައީސްކަން ކާމިޔާބުކުރެއްވި ސުހާއަށް ރައީސުލްޖުމްހޫރިއްޔާގެ މަރުހަބާ
13 ޖޫން 2026
|
މީދޫ ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކުރެއްވި ސުހާއަށް ރައީސުލްޖުމްހޫރިއްޔާގެ މަރުހަބާ
އެންމެ މަޤްބޫލު
މިއަދު ކުރިއަށްދިޔަ ދ.މީދޫ ކައުންސިލް ރައީސްގެ ގޮނޑީގެ އިތުރުބުރުގެ އިންތިހާބު ކާމިޔާބުކުރެއްވި، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީ ކާމިޔާބުކުރުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ، އެ ގޮނޑި ކާމިޔާބުކުރެއްވި ސުހާ އިބުރާހިމަށް މަރުހަބާ ދަންނަވާފައެވެ.
މީގެ އިތުުރުން ރައީސްގެ އެ ޕޯސްޓުގައި ވަނީ، ވޯޓުދެއްވި އެރަށުގެ ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރުދަންނަވާފައެވެ.
މިއަދު ކުރިއަށް ދިޔަ މި އިންތިހާބަކީ، ނިމިދިޔަ ލޯކަލް ކައުންސިލު އިލެކްޝަނުގައި އިންތިހާބަށްފަހު ވޯޓު ގުނުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ވޯޓު ބާތިލުކުރުމާއި ގުޅިގެން ކުރިއަށްގެންދިޔަ އިތުރު ބުރުގެ ވޯޓުލުމެކެވެ.
މި އިންތިހާބުގައި ސުހާއާ ވާދަކުރެއްވީ މޯލްޑިވްސް ޑިމޮކްރެޓިކް އެލައިންސްގެ ކެންޑިޑޭޓު މުހައްމަދު ޝާހިދެވެ. ހެނދުނު 8:00 ގައި ފެށި އިންތިހާބުގައި 1،049 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބަށް މީދޫގައި ދެ ފޮށި އަދި މާލޭގައި ފޮށްޓެއް ބަހައްޓާފައިވެއެވެ.
އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ސުހާއަށް 529 ވޯޓު ލިބިވަޑައިގަތެވެ. ޝާހިދަށް ލިބިވަޑައިގެންފައިވަނީ 449 ވޯޓެވެ.
މިއަަދުގެ އިންތިހާބު ސުހާ ކާމިޔާބުކުރެއްވިއިރު މީގެ ކުރިން ބުރުގައި އެ ރަށު ކައުންސިލުގެ މެންބަރުކަމަށް ހޮވިވަޑައިގެންފައިވާ ހުސައިން ރަޝީދާއި، ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރި ގޮނޑި ކާމިޔާބުކުރެއްވި މިސްކާ އަބްދުއް ރަހްމާނަކީވެސް ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އެހެންކަމުން މީދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ކާމިޔާބުވެފައިވަނީ ޕީއެންސީއަށެވެ.