ENGLISH
13 ޖޫން 2026
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް
13 ޖޫން 2026
|
އެންމެ މަޤްބޫލު
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އޯޝަން ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އެ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލޭ ދިރާގު ބީޗު ސަރަހައްދުގައި، 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ހަވީރު 17:30 ގެ ނިޔަލަށެވެ.
ވޭތުވެދިޔަ ދެއަހަރެކޭ ވެސް އެފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުގައެވެ.
މީގެ އިތުރުން، އެކި އޮފީސް އަދި ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ބެހެއްޓިފައި ހުންނާނެއެވެ.
އެގޮތުން، މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި "ޑިސްކަވަރީ ބަބުލް"ގެ ނަމުގައި ފީނުމުގެ ހާއްސަ ހަރަކާތެއް ކުރިއަށްގެންދިއުމަށް ރާވައިފައިވެއެވެ.
މި ހަރަކާތަކީ ޑައިވް ކިޓް ބޭނުންކޮށްގެން ފަރުގެ ގުދުރަތީ ރީތިކަން ކައިރިން ބަލާލުމަށް ކުޑަކުދިންނަށް ލިބިގެންދާނެ ފަހި ފުރުސަތެއްގެ ގޮތުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދެކެއެވެ.
މީގެއިތުރުން، މިއަހަރުގެ ފެސްޓިވަލް ކުރިއަށްދާ ވަގުތު އެސަރަހައްދުން އުފެއްދުންތެރި ލުއި ކާނާއާއި ފިނި ބުއިން ލިބޭނެ ގޮތަށް މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.