ENGLISH

12 ޖޫން 2026

Advertisement

ވަކީލުކުރުމަކީ ވަސީލަތްތަކުގައި ހިފައި، ރައްކާތެރިކަން ލިބޭނެކަން ޔަގީންކުރުން: ހުތުބާ

12 ޖޫން 2026

|

މުޙައްމަދު އަދުހަމް

މާތް اللهއަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުމެއް ނޫން ކަމަށާއި، ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަޤީންކޮށްގެން ހުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުން ކަމަށެވެ. ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައިވާ ކަމަށާއި، ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ރަސޫލާ صلى الله عليه وسلم މައްކާ އިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި، ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

"ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުންނާއި ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން، އިސްލާމްދީނުގެ ދިފާޢުގައި ޤުރުބާންކުރައްވައިފައެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށެވެ.

މީގެއިތުރުން، ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅު ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

"ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ދެމިތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ ވެވުނުހައި މަސައްކަތެއްކުރާށެވެ! އިސްވެ ދެންނެވުނު ސާބިތުކަމުގައި ރަސޫލާ صلى الله عليه وسلم ހުންނެވުމުގެ ސަބަބުން އެކަލޭގެފާނަށް ޔަޤީންވެވަޑައިގެންފައި ވަނީ އެކަލާނގެ އެކަލޭގެފާނު ޙިމާޔަތްކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވާނޭ ކަމެވެ. މައްކާގެ މީހުން ފިޔަވަޅުގެ އަސަރު ބަލައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތާއި ބޮޑު އިނާމު ހުށައަޅައިގެން އެކަލޭގެފާނު ހޯދުމަށް ކުރި މަސައްކަތް މާތް الله ނާކާމިޔާބުކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ހިޖުރައިގެ ޒިކުރާ، ގުޅިފައިވަނީ މާތް ނަބިއްޔާ صلى الله عليه وسلم މައްކާއިން މަދީނާ އަށް ވަޑައިގެންނެވި މަތިވެރި ޙާދިޘާއާ ކަމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ޙާދިޘާއެވެ.

"ހިޖުރައަށް ނުކުމެ ވަޑައިގަތުމުގެ ކުރީން ރަސޫލާ صلى الله عليه وسلم ވަނީ ފުރިހަމައަށް ވަކީލުކުރައްވައިފައެވެ. ބޭނުންފުޅުވާ ކަންކަމާއި ތަކެތި ހޯއްދަވައިފައެވެ. ދަތުރުކުރައްވާނޭ ސަވާރީކޮޅާއި ރައްކާތެރިކަމާ އެކު ދަތުރުކުރައްވާނޭ އާރުކާޓީއެއް ހޯއްދަވައިފައެވެ." ޚުޠުބާގައި ބުންޏެވެ.

ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތް اللهގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭކަމަށް ޢިލްމުވެރީން ވިދާޅުވެފައިވާ ކަމަށާއި، އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކުރުން ކަމަށް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު