ENGLISH

11 ޖޫން 2026

Advertisement

އައިއެޗްއެފް ޓްރޮފީ: 20 އަހަރުން ދަށުގެ ޓީމުން ފަހަތުން އަރައި އަފްޣާނިސްތާން ބަލިކޮށްފި

11 ޖޫން 2026

|

ސުވެއިދާ ހުސެއިން

އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމާއި އަފްޣާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: ގާފު ސްޕޯޓްސް

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި، މިއަދު ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުން ފަހަތުން އަރައި އަފްޣާނިސްތާން ބަލިކޮށްފިއެވެ.

އައިއެޗްއެފް ޓްރޮފީގެ ސައުތު އޭޝިއާ ޒޯން 2 ގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން އަފްޣާނުގެ މައްޗަށް ކުރިހޯދީ 33-31 ލަނޑުންނެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ރާއްޖޭގެ ކުޅުންތެރިން ގޯލަށް ފޮނުވާލާ ބޯޅަތައް އަމާޒުނުވުމުގެ އިތުރުން، ފޮނުވާލި ހަމަލާތައް އަފްޣާނިސްތާނުގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ޓީމުން ކުޅުން މެނޭޖުނުކުރެވި ދިޔަ ވަގުތުކޮޅުގެ ބޭނުން ހިފައި އަފްޣާނުން ވަނީ މެޗުގެ ލީޑު ފުޅާކޮށް، ހަމަޖެހިލާފައެވެ. ނަމަވެސް ހާފު ނިމުމުގެ ކުރުން ރާއްޖޭގެ ކުޅުން ރަނގަޅުކޮށް ދެ ގޯލަށް ފަރަގު ކުޑަކުރިއެވެ. 

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. އޭގެ ނަތިޖާއަކަށް ވީ އަފްޣާނުގެ ކުޅުންތެރިންގެ ފަރާތުން ގޯސްތައް ހެދި، ރާއްޖެއަށް ސްކޯކުރުމަށް ގިނަ ފުރުސަތުތައް ލިބިގެން ދިޔުމެވެ. މި މެޗުގެ ފަހު ވަގުތުގައި އަފްޣާނިސްތާނަށް ޕްރެޝަރު ބޮޑުވެ، ފައުލުތައް އިތުރުވިއެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުގެ އެއް ކުޅުންތެރިއަކަށް ރަތް ކާޑު ވަނީ ދައްކާފައެވެ. 

މީގެ އިތުރުން މި މުބާރާތުގައި މިއަދު ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު ވަނީ ބަންގްލަދެޝްއާ ވާދަކޮށް 32-23 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެކަމަކު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި 18 އަހަރުން ދަށުގެ ޓީމު ވަނީ އަފްޣާނުގެ މައްޗަށް 38-21 ލަނޑުގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ.

މި މުބާރާތުގައި މާދަމާ ރާއްޖޭގެ 18 އަހަރުން ދަށުގެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އަދި 14 ވަނަ ދުވަހު 20  އަހަރުން ދަށުގެ ޓީމު ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު