ENGLISH

10 ޖޫން 2026

Advertisement

އިންޑިއާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް މޯދީ، ރައީސްގެ ތަހުނިޔާ

10 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސް މުއިއްޒު ބޮޑުވަޒީރު މޯދީއާއެކު. ފޮޓޯ؛ރައީސް އޮފީސް

އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ރެކޯޑު މުގުރާލައްވައި، މެދުކެނޑުމެއްނެތި އިންޑިއާގެ ބޮޑުވަޒީރުކަން އެންމެ ގިނަ ދުވަހު ކުރެއްވި ބޭފުޅާގެ މަގާމު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތްކުރެއްވި ލީޑަރުގެ ޝަރަފު ހޯއްދެވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސްވަނީ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އިހުތިރާމާއި، އިސްތިގުލާލީ ހަމަހަމަކަމުގެ އިތުރުން ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ލާބައާއި މަންފާއަށް ބިނާކޮށް، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް އިސްކަންދޭނެކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާގޮތުން މޯދީ ވަނީ ވިދިވިދިގެން 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވާފައެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 1952 އިން 1964 އަށް، 4،398 ދުވަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވި ޖަވާހަރްލާލް ނެހުރޫގެ އަތްޕުޅުގައެވެ.

ބޮޑުވަޒީރު މޯދީ އެ މަގާމާ ހަވާލުވެވަޑައިގަތީ މީގެ 12 އަހަރު ކުރިން 26 މެއި 2014 ގައެވެ. މޯދީ ވަނީ 2019 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކުރައްވައި ދެވަނަ ދައުރެއް، އަދި 9 ޖޫން 2024 ގައި ތިންވަނަ ދައުރެއް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު