ENGLISH

10 ޖޫން 2026

Advertisement

ރައީސް ޑރ. މުޢިއްޒަކީ ޤައުމު އިސްކުރުމުގައި ނަމޫނާ ދައްކަވާ ސިޔާސީ ލީޑަރެއް: ނާޒިމް

10 ޖޫން 2026

|

ޢަލީ ޝަހީމް

އަބްދުﷲ ނާޒިމް އިބްރާހީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމު އިސްކުރުމުގައި ނަމޫނާ ދައްކަވަމުންގެންދަވާ ބޭފުޅެއް ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ކުރިން ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މިފަދައިން ވިދާޅުވީ ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޕާޓީގެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުންނެވެ. 

ނާޒިމް ވިދާޅުވީ، ޕީއެންސީން އަބަދުވެސް އިސްކުރާނީ ޤައުމު ކަމަށާއި، ޤައުމަށް ދިމާވި ޙާލަތްތަކުގައި މެންބަރުން ތިބީ އަބަދުވެސް ޤައުމު އިސްކޮށްގެން ކަމަށެވެ. 

"އަޅުގަނޑުމެންނަކީ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލި މީހުން. އަޅުގަނޑުމެންނަކީ މި ޤައުމު ދަރަނިވެރިވަމުން ދާތީވެ އެކަމާ ދެކޮޅަށް ވަކާލާތު ކުރި މީހުން، އަޅުގަނޑުމެންނަކީ މި ޤައުމުގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ޖިހާދުކުރި ވެސް މީހުން. އެކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީ ކާމިޔާބީގައިވެސް އަޅުގަނޑުމެން ޤައުމު އިސްކުރީތީ ނާކާމިޔާބީގައިވެސް އަޅުގަނޑުމެން ޤައުމު އިސްކުރީތީ." ނާޒިމް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޤައުމާ ޙަވާލުވެވަޑައިގެންނެވިއިރު އޮތް ޙާލަތު ނާޒިމް ތަފްސީލުކޮށްދެއްވިއެވެ. ނާޒިމް ވިދާޅުވީ އޭރު ޞިއްޙީ ވަޒީރު އޮފީހަށް ވަޑައިގެންނެވިއިރު އޮތީ ވެންޓިލޭޓަރުތަކުގެ ވައްކަމުގެ ބޮޑު މައްސަލައެއް ކަމަށެވެ. މަސްވެރިކަމާ ބެހޭ ވަޒީރު އެ ވުޒާރާއާ ޙަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ނުދީ އެތައް މިލިއަން ފައިސާއެއް އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެއާއެކު މަސްވެރި އާއިލާތައް ތިބީ ބިކަވެފައިކަން ނާޒިމް ފާހަގަކުރެއްވިއެވެ. މާލީ ވަޒީރު އޮފީހަށް ވަޑައިގެންނެވިއިރު ޤައުމު އޮތް ދަރަނީގެ ހާލަތާއި ބިލްތަކަށް ހުރީ ފައިސާ ނުދެއްކިކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަދު ވިސްނަންވީ އޭރު އޮތް ހާލަތާއި މިހާރު ހާލަތު ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ހާލަތުން އަރައިގަނެ ޤައުމު ބަދަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ނާޒިމް ވިދާޅުވިއެވެ. މިދިޔަ ދުވަސްތަކުގައި ކާމިޔާބީއާއި ނާކާމިޔާބީގެ ރަހަ ޕީއެންސީން ދެކުނީ ޤައުމު އިސްކުރާ ޙާލުގައި ކަމަށާއި، އެކަން ރައީސުލްޖުމްހޫރިއްޔާ ނަމޫނާ ދައްކަވާކަން ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން މި ދެ ރަހަ (ކާމިޔާބީއާއި ނާކާމިޔާބީގެ) ދެކުނީ ވެސް ޓީމެއްގައި ގޮތުގައި އަޅުގަނޑުމެން އެންމެން ކުރި ބުރަ މަސައްކަތުން. އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުން. ސަބަބަކީ އަޅުގަނޑުމެންނަކީ އަބަދުވެސް ޤައުމު އިސްކުރާ ބަޔަކަށްވާތީ. އަޅުގަނޑުމެންގެ މިއަދުގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ އެކަމުގަ ނަމޫނާ ދައްކަވަމުންގެންދަވާ ސިޔާސީ ލީޑަރެއް" ނާޒިމް ވިދާޅުވިއެވެ. 

ނާޒިމް ވިދާޅުވީ އަސާސީ ތަރައްޤީގެ އެންމެހާ ކަންކަމަކީ ކޮންމެ ޤައުމެއްގައިވެސް އަބަދުވެސް ދެމުންގެންދާ ޚިދުމަތެއް ކަމަށެވެ. އެކަންކަން ކުރަންޖެހެނީ ޓައިމްލައިން ހަދައިގެން ތަރުތީބެއްގެ މަތީން ކަމަށާއި، މި ސަރުކާރުން އެކަން އެގޮތަށް ކުރަމުންގެންދާކަން ފާހަގަކުރެއްވިއެވެ. 

ޕީއެންސީން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ. އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމާއި ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޕާޓީގެ އިސްބޭފުޅުން ވަޑައިގެންނެވިއެވެ. އަދި ގިނަ އަދަދެއްގެ ޕީއެންސީގެ ސަޕޯޓަރުން ޖަލްސާގައި ބައިވެރިވިއެވެ. 

ކިޔުންތެރިންގެ ހިޔާލު