ENGLISH
10 ޖޫން 2026
ކޮންމެ ފިކުރެއްގެ މެންބަރަކު ހުއްޓަސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާއާއި ރާއްޖޭގެ ކުރިއެރުމަށް: ރާފިޢު
10 ޖޫން 2026
|
ވަޒީރު ރާފިއު ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ.
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ކޮންމެ ފިކުރެއްގެ މެންބަރަކު ހުއްޓަސް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ފައިދާއާއި ރާއްޖޭގެ ކުރިއެރުމަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީގެ މައި ޖަގަހައިގައި އޮތް ޖަލްސާގައި ރާފިޢު މިފަދައިން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ނިމުނު ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ފަރާތުން ކެމްޕޭން މެނޭޖަރެއްގެ ދައުރު އަދާކުރެއްވީ ވަޒީރު ރާފިޢު އެވެ. އިންތިޚާބު ޕީއެންސީއަށް ގެއްލުނީ އެންމެ 62 ވޯޓުގެ ތަފާތުންނެވެ. ވަޒީރު ވިދާޅުވީ، ހިތަދޫގައި ބެހެއްޓި ވޯޓުފޮށިތަކުން ކުރި ލިބުމަކީ، ކުރިއަށްދާން ކޮށުނު މަގެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީން މަސައްކަތްކުރަނީ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ފައިދާ ލިބޭނޭ ގޮތަށް. އެއީ ޒުވާނުންގެ ބާރުވެރިކަމުގައި ވިޔަސް. ﷲ އިރާދަކުރެއްވިއްޔާ ކޮންމެ މެންބަރެއް ހުއްޓަސް މި ސަރުކާރުން އަޅުގަނޑުމެން މަސައްކަތްކުރާނީ ރައްޔިތުންނާ ގާތުން، މަސައްކަތް ކުރާނީ ރައްޔިތުންގެ ފައިދާއަށް އަޅުގަނޑުމެން މަސައްކަތްކުރާނީ. ރާއްޖޭގެ ކުރިއެރުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ" ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިލެކްޝަނުގެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި ބުރަސް މަސައްކަތުން ހާމަވަނީ، ޕީއެންސީގެ ތެރޭގައި އޮތް އެއްބައިވަންތަކަމާއި އަހުވަންތަކަން ކަމަށެވެ. ހިތަދޫ އުތުރު ދާއިރާއަށް ބަލާއިރު ހަމައެކަނި ކުޅިވަރުގެ ދާއިރާއިންވެސް މަސައްކަތްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރެވޭނެކަން ޔަގީންވެފައިވާކަމަށް ރާފިޢު ވިދާޅުވިއެވެ.
"މި ދާއިރާއަށް އަޅުގަނޑުމެންނަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ރައްޔިތުންގެ އެދޭ އެދުންތައް ފުއްދައިދިނުމަށްޓަކައި. ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ބަލާލިޔަސް، އެއީ ދުޅަހެޔޮކަމަށްޓަކައި އައުޓްޓޯ ޖިމެއް ހެދުންކަމުގައި ވިޔަސް ފުޓްސަލް ދަނޑު ގާއިމުކުރުމުގައި ވިޔަސް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން މިގޮތަށް މަސައްކަތްކޮށްފިއްޔާ އެކަން ނިންމާ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބޭނެކަން އަޅުގަނޑުމެންނަށް މި އިލެކްޝަންގައި ހާމަވެގެން ހިނގައްޖެ" ރާފިޢު ވިދާޅުވިއެވެ.
ރާފިޢު ވަނީ ކެމްޕޭނުގައި މަސައްކަތްކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބިވަޑައިގަތް އެއްބާރުލުން ފާހަގަކުރައްވައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވައިފައެވެ. އަދި، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ކެމްޕޭން ޓީމުތަކުގެ މަސައްކަތް ފާހަގަކުރައްވައި ރާފިޢު ޝުކުރުއަދާކުރެއްވިއެވެ.