ENGLISH
10 ޖޫން 2026
ކިންގްސް ކަޕް: އެއިޓީފޯ، ސްޓެލްކޯ، ކޯރާ ކޯރާ އަދި ހޯކްސް ސެމީއަށް
09 ޖޫން 2026
|
ކިންގްސް ކަޕުގައި އެމްޓީސީސީ އާއި އެއިޓީފޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގެ ސެމީ ފައިނަލަށް އެއިޓީފޯ ފުޓްބޯލް ކުލަބު، ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ކޯރާ ކޯރާ މޯލްޑިވްސް އަދި ކުލަބު ހޯކްސް ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ކުޅުނުއިރު، ސެމީއަށް އެއިޓީފޯ ދަތުރުކުރީ ޕެނަލްޓީ ޖަހައިގެން ވަރުގަދަ ކުލަބު އެމްޓީސީސީ ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ޕެނަލްޓީގައި އެއިޓީފޯ ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އެމްޓީސީސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް ވަޖީހެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއިޓީފޯއަށް ނަތީޖާ އެއްވަރުކޮށްދިނީ އަޙްމަދު ހުސާމެވެ.
މި މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި އެމްޓީސީސީގެ ސާމިން މުޙައްމަދު ނަސީރާއި، އަލީ ޝިޔާހު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުވެފައެއް ނުވެއެވެ. އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ ޖަހައިދިނީ އަބްދުالله ޖުނައިދެވެ. އޭގެ ބަދަލުގައި އެއިޓީފޯއިން ފޮނުވާލި ހަތަރު ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. މި ޕެނަލްޓީތައް ޖަހައިދިނީ ހުސައިން ޝަރީފާއި، ހުސާމް އާއި، އަލީ ނަސީމް އަދި ހަމްދާން އަބްދުލް ސައްތާރެވެ.
ކިންގްސް ކަޕުގައި އެސްޓީއޯ އާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި މުބާރާތުގެ ސެމީގެ ޖާގައެއް ސްޓެލްކޯއިން ހޯދީ ވަރުގަދަ އެސްޓީއޯ ރެކްރިއޭޝަން އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މުޙައްމަދު ނަޒާމް ވަނީ ސްޓެލްކޯއަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ހިލޭ ޖެހުމަކުން ކެޕްޓަން މުޙައްމަދު އިމްރާން ވަނީ އެސްޓީއޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ސްޓެލްކޯ މޮޅުވި ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޝުއައިދު ސައީދެވެ.
ކިންގްސް ކަޕުގައި ކޯރާ ކޯރާ އާއި ކޮންރެޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ސެމީއަށް ކޯރާ ކޯރާ ދަތުރުކުރީ ކުއާޓާގައި ފަސޭހަކަމާއެކު ކޮންރެޑް މޯލްޑިވްސް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ކޯރާ ކޯރާއިން ތިން ލަނޑު ކާމިޔާބުކުރިއިރު، މި ލަނޑުތައް ޖަހައިދިނީ އިބްރާހީމް މައިސާން އާއި، ރައުލް ނިޔާޒް އަދި އިބްރާހީމް އަނާން އަލީއެވެ. މީގެ ތެރެއިން ރައުލް ކާމިޔާބުކުރި ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖަހައިދިން ލަނޑެކެވެ. އަދި މެޗު ނިމެން ގާތްވެފައި ވަނިކޮށް ރައުލް ވަނީ ކޯރާ ކޯރާގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.
ކިންގްސް ކަޕުގައި ހޯކްސް އާއި އުތީމު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި މުބާރާތުގެ ސެމީގެ ފަހު ޖާގަ ހޯކްސްއިން ހޯދީ ކުއާޓާގައި އުތީމު ފުޓްބޯލް ކުލަބު އަތުން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ހޯކްސްގެ އިޝާން އިބްރާހީމާއި، އުތީމުގެ މުޙައްމަދު ސަޚާއު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހައި، ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައި ވަނިކޮށް، ފުރަތަމަ ހާފުގެ ފަހު ކޮޅު ހޯކްސްއަށް ތިންވަނަ ފަހަރަށް ލީޑު ނަގައިދިނީ ލޫތު އަޙްމަދު ފަތުހީއެވެ. އަދި ދެވަނަ ހާފުގައި މުޙައްމަދު ފާސިރު ވަނީ ހޯކްސްގެ ލީޑު ފުޅާކޮށްދީފައެވެ.
ކިންގްސް ކަޕުގެ ސެމީ ފައިނަލަށް ޓީމުތައް ދަތުރުކުރިއިރު، ސެމީގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރެއެވެ.