ENGLISH
10 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކަށް އީރާނަށް ކަނޑައަޅާފައިވާ ޓިކެޓުތައް އަތުލައިފި
09 ޖޫން 2026
|
އިރާނުގެ ސަޕޯޓަރުން: މުބާރާތް ފެށެން ކުޑަތަންވެފައި ވަނިކޮށް، އީރާންގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓްތައް ވަނީ އަތުލާފައި. --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް، އީރާނުގެ ސަޕޯޓަރުންނަށް ކަނޑައަޅާފައިވާ ޓިކެޓުތައް އަތުލާފައިވާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
މީގެ ސަބަބުން މެޗުތައް ބަލަން ދިއުމަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސާފައިވާ ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ވަނީ މެޗުތަކަށް ނުދެވޭނެ ހާލަތެއް މެދުވެރިވެފައެވެ.
މި އަހަރުގެ ވޯލްޑް ކަޕް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ގްރޫޕް 'ޖީ' ގައި ހިމެނޭ އީރާނުގެ ފުރަތަމަ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ލޮސް އެންޖެލިސްގައެވެ. އެއީ ޖޫން 15 ގައި ނިއު ޒީލަންޑާ ދެކޮޅަށް ކުޅޭ މެޗާއި، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށް އީރާން ނުކުންނާނެއެވެ.
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗުތަކުގެ ޓިކެޓް ވިއްކުމުގެ މަރުހަލާ އެ ފެޑެރޭޝަނުން ފަށާފައިވަނިކޮށް، ސަޕޯޓަރުންނަށް ޓިކެޓް ފޯރުކޮށްދެވެން މިހާރު ނެތް ކަމަށެވެ.
"ރަސްމީކޮށް އިޢުލާންކޮށްފައިވާ އުސޫލުތަކަށް އިތުބާރުކޮށް، އީރާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗުތަކަށް ދިއުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައި ވަނިކޮށް މިފަދަ ނިންމުމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" - އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަން
އެ ފެޑެރޭޝަނުން އިތުރަށް ބުނެފައިވަނީ، ގާނޫނީ ހަމަތަކުގެ މަތިން އީރާނުގެ ސަޕޯޓަރުންނަށް ލިބެންޖެހޭ ޓިކެޓްތަކުން އެމީހުން މަހްރޫމްކުރުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ރޫހާ ހިލާފު އަދި ބައިވެރިވާ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމުގެ އުސޫލާ ވެސް ސީދާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރުމުގައި ކުޅިވަރާ ގުޅުމެއް ނެތް، ސިޔާސީ ނުފޫޒުތައް ވަދެފައިވާ މިންވަރާމެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ވޯލްޑް ކަޕްގައި ބައިވެރިވާ ކޮންމެ ގައުމެއްގެ ފެޑެރޭޝަނަކަށް ވެސް، އެގައުމެއް ކުޅޭ ކޮންމެ މެޗެއްގެ ޖުމްލަ ޓިކެޓްގެ އަށް އިންސައްތަ، އެ ފެޑެރޭޝަނަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަޕޯޓަރުންނަށް ބެހުމަށް ލިބެއެވެ.
ޓިކެޓްތައް ހިފެހެއްޓުމަށް ނިންމީ ކޮން ފަރާތަކުން ކަމެއް އީރާނުގެ ފެޑެރޭޝަނުން ހާމަކޮށްފައި ނުވި ނަމަވެސް، ފުޓްބޯޅައިގެ މައި އިދާރާކަމަށްވާ ފީފާއިން "ވަކިފަރާތަކަށް ނުޖެހުމާއި، އިންސާފުވެރިކަމާއި، ކަނޑައެޅިފައިވާ ގަވާއިދުތަކަށް" އިހުތިރާމް ކުރުމަށް އެ ފެޑެރޭޝަނުން ވަނީ ގޮވާލާފައެވެ. އަދި ދަނޑުން ބޭރުގެ މައްސަލަތަކުގެ ހިޔަނި މުބާރާތަށް އެޅުނަ ނުދިނުމަށް ވެސް ވަނީ އެދިފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން ސަރަހައްދީ ހަމަނުޖެހުން ބޮޑުވެ، އީރާނުން ވޯލްޑް ކަޕްގައި ބައިވެރިވުމާމެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.
އީރާނުގެ ޓީމަށް އެމެރިކާގެ ވިސާ ލިބުމުގައި ހުރި ދަތިތަކާއި، އެމެރިކާގައި ޓީމުގެ ހަރަކާތްތައް ވީހާވެސް މަދުކުރުމަށް އީރާނުން ބޭނުންވާތީ، ޓީމުގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯއަށް ވަނީ ބަދަލުކޮށްފައެވެ.
ވިސާ ދިނުމުގައި ލަސް ތަކެއް ދިމާވުމަށް ފަހު އެމެރިކާއިން ވަނީ އީރާނުގެ ހުރިހާ ކުޅުންތެރިންނަށް ވިސާ ދީފައެވެ. ނަމަވެސް ޓީމުގެ ބައެއް އޮފިޝަލުންނަށް އަދިވެސް ވިސާ ލިބިފައެއް ނުވެއެވެ.