ENGLISH
09 ޖޫން 2026
ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ދަނީ ސާބިތުވަމުން: ފިރާގު
09 ޖޫން 2026
|
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ވިލުންތެރިކަން ސާބިތުވަމުންދާކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދެމުން އަންނަ ހަމަލާތަކަށް 100 ދުވަސް ފަހަނައަޅާފައިވާއިރު ގަވާއިދުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މެދުއުރުމަތީގެ ފްލައިޓްތަށް ކެންސަލްކުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ސީދާ އަސަރު ވޭތުވެދިޔަ ދުވަސްތަކުގައި ކުރިއެވެ. ނަމަވެސް ސަރުކާރުން އެވަގުތު އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު އަނެއްކާވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން ވަނީ އަރޯކަން އަންނަން ފަށާފައެވެ. އެގޮތުން ފަތުރުވެރިން އަންނަ މިންވަރު މިހާރު ތިނެއް އިންސައްތަ އިތުރުވެފައިވެއެވެ.
ފިރާގު ވިދާޅުވީ ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާކިއުމަށް ތައްޔާރުވެފައިވާއިރު މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދާ ބޮޑު ކާމިޔާބީއެއްކަމަށެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖެ އެއް މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވީ މިއަށްވުރެ ކުރިންކަން ފާހަގަކުރައްވާފައިވެއެވެ.
ފަތުރުވެރިކަމުގެ ކުރިއެރުން މިއަހަރު މަޑުޖެހިފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ބައެއް ދަތުރުތަކުގެ ޓިކެޓުތަކުގެ އަގުތައް އުފުލުމުގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ނުތަނަވަސްކަމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް އޮތް ޑިމާންޑަށް އައި ބަދަލުތަކުގެ ސަބަބުންކަމަށް ފިރާގު ވިދާޅުވިއެވެ.
މިފަދަ ގޮންޖެހުންތަކާއެކުވެސް ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުން އަންނަކަމަށް ވިދާޅުވިއެވެ.
ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރި މަންޒިލުގެ ގޮތުގައި ރާއްޖެއިން ދަމަހައްޓަމުން އައި މަގާމުގައި ފައިތިލަ ސާބިތުކުރެވޭނެކަމުގެ ޔަގީންކަން ފިރާގު ދެއްވިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 970،581 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މޭ މަހު ރާއްޖެއަށް 139،746 ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 135،614 ފަތުރުވެރިންނެވެ. މިއީ ތިނެއް އިންސައްތައިގެ ކުރިއެރުމެކެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި އައު ރޫޓުތަކުގެ ދަތުރުތައް ފަށައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަން އިއާދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.