ENGLISH
02 ޖޫން 2025
ވުލްފްސްބާގް އަތުން ޑޯޓްމުންޑަށް މުހިއްމު މޮޅެއް
23 ޑިސެމްބަރު 2024
|
ވުލްފްސްބާގް ކޮޅަށް ލަނޑުޖެހުމަށް ފަހު ޑޯޓްމުންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ވުލްފްސްބާގް އަތުން 3-1 އިން ބޮރޫޝިއާ ޑޯޓްމުންޑް މޮޅުވެއްޖެއެވެ.
މިއީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ. އަނެއް ތިން މެޗުން ވަނީ އެއްވަރުވެފައެވެ.
ވުލްފްސްބާގުގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގެ ތެރޭގައި ޑޯޓްމުންޑުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ޑޮންޔެލް މާލެން، މެކްސިމިލިއަން ބެއިއާ އާއި ހޫލިއަން ބްރެންޓް އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ވުލްފްސްބާގުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ޑެނިސް ވަވްރޯ އެވެ.
މި މެޗުގައި ވުލްފްސްބާގުން ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް، ޑޯޓްމުންޑްގެ މިޑްފީލްޑަރު، ޕަސްކަލް ގްރޮސް އަށް ސީދާ ރަތް ކާޑެއް ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މި ނަތީޖާއާއެކު ޑޯޓްމުންޑް ވަނީ ތާވަލްގެ ހަވަނަ އަށް ޖެހިލައިފައެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކާއި ޑޯޓްމުންޑާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
މި މެޗުން ބަލިވި ވުލްފްސްބާގް އޮތީ 11 ވަނައިގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.