ENGLISH

08 ޖޫން 2026

Advertisement

ޒަމީރު ވަނީ ވަރަށް ފުރިހަމައަށް މަސްއޫލިއްޔަތު އަދާކުރައްވާފައި: ރިޔާޒް

08 ޖޫން 2026

|

އަޙުމަދު ޙަމީދު

ފިނޭންސް މިނިސްޓަރުގެ މަޤާމުން މޫސާ ޒަމީރު އިސްތިޢުފާ ދެއްވީ އޭނާއާ ރައީސުލްޖުމްހުރިއްޔާ ޙަވާލުކުރެއްވި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެއްވުމަށްފަހު ޝަރަފުވެރި ކަމާއެކު ކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު އަދި ވިޔަފާރިވެރިޔާ ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރިޔާޒް ވަނީ ޒަމީރުގެ މިނިސްޓަރު ކަމުގައި ހޯއްދެވި ފާހަގަކުރެވޭ ކާމިޔާބީތަކުގެ ތެރޭގައި މި ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ފޮރިން މިނިސްޓަރަކަށް ހުންނަވައިގެން ހަމަޔަކަށް އަޅުވައި، ކުރިން ވެސް ރާއްޖެއާ ދޭތެރޭ އޮތް ފަދަ އިޙުތިރާމްގެ ގުޅުމެއް އުފެއްދެވުން ފާހަގަކޮށްލެވޭ ކަމުގައި ވިދާޅުވެފަ އެވެ.

‏އަދި އޭގެ ފަހުން މޫސާ ޒަމީރު ފިނޭންސް މިނިސްޓަރކަމާ ޙަވާލުވެ ވަޑައިގެންއިރު އެ މިނިސްޓްރީ އޮތް ޙާލަތު ރާއްޖޭގެ ގިނަ ބަޔަކަށް އިޙްސާސް ކުރެއްވޭނެ ކަމުގައި ވިދާޅުވި އެވެ.

‏އޭރު އިދިކޮޅޮ ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ރާއްޖެ ބަނގުރޫޓް ވެދާނެ ކަމަށް ބުނެ، ދެމުން އައި އިންޒާރުތައް މިއަދުވެސް ހަނދާނަށް އަންނަކަން ފާހަގަ ކުރައްވާ ރިޔާޒް ވިދާޅުވީ އެ ހާލަތު އެގޮތުގައި އޮތް ނަމަވެސް ދައުލަތުގެ ހަރުމުދާ ނުވިއްކައި، ބޭރުގެ އެއްވެސް ފަރާތަކުން އިތުރު ދަރަންޏެއް ނުނަގައި ރައްޔިތުންނަށްދޭ އަސާސީ އެއްވެސް ޚިދުމަތެއް މެދު ކަނޑާނުލައި، އެތެރެއާއި ބޭރަށް ދައްކަންޖެހޭ އެއްބިލިއަން ޑޮލަރގެ ލޯނު ދައްކައި، ޚަލާޞްކުރުމަކީ މޫސާ ޒަމީރުގެ ގާބިލްކަން ކަށަވަރުކޮށްދޭ މުހިންމު ކާމިޔާބެއް ކަމަށެވެ. އަދި މިކަމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށް ގަބޫލުކުރި އެކަކު ވެސް ނެތޭބުނުމަކީ ދޮގަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.

‏"މި ބޮޑު ކާމިޔާބީ ދިވެހި ރައްޔިތުންނަށް ޙާޞިލްކޮށްދެއްވުމަށް ފަހު މިއަދު ރީތިގޮތުގައި ޝަރަފުވެރިކަމާއެކު އެމަނިކުފާނު ވަނީ އިސްތިޢުފާ ދެއްވާފައި. އެމަނިކުފާނުގެ އިސްތިޢުފާ ދެއްވީތީ ހިތާމަ ކުރާ ޙާލު އެމަނިކުފާނު ހޯއްދެވި ގިނަ ކާމިޔާބީތަކާމެދު ނުހަނު އުފާވެސްކުރަން. އަދި ފާއިތުވެދިޔަ ދުވަސްތަކުގައިި އެމަނިފާނު ކުރެއްވި އިޚްލާޞްތެރި ބުރަ މަސައްކަތަށް ހިތުގެ އަޑިން ޝުކުރު ދަންނަވަން،" ރިޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު