ENGLISH
08 ޖޫން 2026
ވަޠަނީ ޚިދުމަތުގެ ތިންވަނަ ބެޗުގެ ބައިވެރިވުން ފުރުން: ރައީސް، ހުރިހާ ބައިވެރިންނަށް ކާމިޔާބަށް އެދިވަޑައިގެންފި
08 ޖޫން 2026
|
ދިވެހި ވަޠަނީ ޚިދުމަތުގެ ބައިވެރިން ފުރުން --
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަތަނީ ޚިދުމަތް) ގެ ތިންވަނަ ބައިވެރީން ތަމްރީނަށް މިއަދު ފުރާފައިވާއިރު ތިންވަނަ ބުރުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކާމިޔާބަށް އެދިވަޑައިގެންފި އެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް ހުޅުވާލި ދެވަނަ ފުރުޞަތުގައި ކުރިމަތިލި 1785 ދިވެހި ޒުވާނުންގެ ތެރެއިން ފުރަތަމަ 352 ބައިވެރިން ވަނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިން ވަނަ ބެޗުގެ ތަމްރީނަށް ފުރާފަ އެވެ.
އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ، ޅ. މާފިލާފުށީ ގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު އެތައް ދާއިރާއަކުން މި ޒުވާނުންނަށް ތަމްރީނު ދެވޭނެ އެވެ.
އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ކުރިޔަށް ގެންދާ ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ ތިން ވަނަ ބެޗުގައި ރާއްޖޭގެ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ 64 އަންހެން އަދި 288 ފިރިހެން ޒުވާނުން ބައިވެރިވެ އެވެ.
"ހުރިހާ ބައިވެރިންނަށް ވެސް ސާބިތުކަމާއި ކާމިޔާބަށް އެދެން،" ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމެކެވެ.