ENGLISH

08 ޖޫން 2026

Advertisement

އުރްބާނީގެ މެސެޖު: "ފުޓްބޯޅަ ރަނގަޅުކުރަން އެއްގަލަކަށް އަރަން ޖެހޭ"

08 ޖޫން 2026

|

އިސްމާއިލް ޝާހު

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ރާއްޖޭގެ މެޗުތައް ބަލަން ދަނޑަށް ދިވެހި ސަޕޯޓަރުން ވަނުން މަދުވި ނަމަވެސް، ސަޕޯޓަރުންގެ މައްސަލައެއް ނެތް ކަމަށާއި، ފުޓްބޯޅަ ރަނގަޅުކުރަން އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިިރެކްޓަރުގެ މަގާމުގައި ހުރި ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފިއެވެ.

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުން މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން އަފްޣާނިސްތާން އަތުން ބަލިވިއިރު، ދެވަނަ މެޗުން ވަނީ ޕާކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ރޭ ކުޅުނު މެޗުގައި ބަންގަލަދޭޝްގެ ޒުވާން ޓީމާ ވާދަކޮށް ރާއްޖެ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ބަލަން ބަންގްލަދޭޝްްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ވަދެފައެވެ. އޭގެ ބަދަލުގައި ދަނޑުގައި ތިބި ދިވެހި ސަޕޯޓަރުންގެ އަދަދު މަދެވެ. ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައު އުރްބާނީ ބުނީ ދިވެހި ސަޕޯޓަރުން ދަނޑަށް ނުވަންނަ ކަމަށާއި، ދަނޑުން ފެންނަނީ ހަމައެކަނި ކުޅުންތެރިންގެ އާއިލާ މީހުންނާއި، ރައްޓެހިން އެކަނި ކަމަށެވެ. އަދި މި މުބާރާތުން ސަޕޯޓަރުންގެ މަދުކަމާއި، ފުޓްބޯޅައަށް ދިވެހިންގެ މެދުގައި ޝައުގެއް ނެތްކަން ފާހަގަވެގެންދިޔަ ކަމަށްވެސް ވަނީ ބުނެފައެވެ.

އެކަމަކު އުރްބާނީ ބުނީ އޭނާ ސަޕޯޓަރުންނަށް އިހުތިރާމުކުރާ ކަމަށާއި، ސަޕޯޓަރުންގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން މުޅި ފުޓްބޯޅަ އާއިލާއަށް މެސެޖެއް ދޭން ބޭނުންވާ ކަމަށާއި، އެގޮތުން އެފްއޭއެމް، ކުލަބުތައް، އަދި މީޑިއާވެސް ގުޅިގެން، ފުޓްބޯޅަ ރަނގަޅުކުރަން އެއްގަލަކަށް އަރައި، އެއް މަސައްކަތެއް ކުރަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖެއިން ކުޅުނު ތިން މެޗުގައި ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އެއީ ބަންގްލަދޭޝްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްދިން ލަނޑެކެވެ. އުރްބާނީ ބުނީ މި މުބާރާތުގައި ކުޅުމަށް ބަލާއިރު، ތިން މެޗުގައިވެސް ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކައި، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ކަމަށެވެ.

އެކަމަކު ތިން މެޗުގެވެސް ނަތީޖާ ގޯސް ކަމަށާއި، މި ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް ފުޓްބޯޅަ އަލުން ބިނާކުރާ ނަޒަރުން ބަލާނަމަ، ތިން މެޗުންވެސް އޭނާ ބޭނުންވި ގިނަ ކަންކަން ހާސިލުވި ކަމަށް އުރްބާނީ ވަނީ ބުނެފައެވެ.

ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓިއިރު، މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނެވެ. އެ ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު