ENGLISH

08 ޖޫން 2026

Advertisement

މިފްކޯގެ ސީއީއޯ ތިނަދޫ ސިޓީގެ މަސްވެރިންނާއި ބައްދަލުކުރައްވައިފި

08 ޖޫން 2026

|

އާމިނަތު ނުޒްލާ

މިފްކޯގެ ސީއީއޯ ތިނަދޫ ސިޓީގެ މަސްވެރިންނާއި ބައްދަލުކުރުމުގެ ތެރެއިން-- ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ތިނަދޫ ސިޓީގެ މަސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިފްކޯގެ ސީއީއޯ ތިނަދޫ މަސްވެރިންނާ ބައްދަލުކުރެއްވީ މަޤާމާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިފްކޯގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ މިފްކޯގެ ވަސީލަތްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް އެ ސިޓީއަށް ކުރެއްވި ޒިޔާރަތުގައެވެ.

ސީއީއޯ ވަނީ ތިނަދޫ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. އަދި މަސްވެރިންނަށް މިފްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަސްވެރިންނާ މަޝްވަރާކުރެވުނު ކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިގޮތުން ވަކިވަކި މަސްވެރިން ފާހަގަކުރި ކަންބޮޑުވުންތަކުގެ އަޑުއައްސަވައި، އެ ކަންކަމަށް މަސްވެރިން އެދޭ ހައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ސީއީއޯ ދެއްވާފައިވެއެވެ.

މި ދަތުރުގައި ސީއީއޯ ވަނީ ތިނަދޫގައި މަސް ގަނެ، ފިނިކޮށް، ރައްކާކުރުމަށްޓަކައި ފަށާފައިވާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް ބައްލަވައިލައްވާފައެވެ. ތިނަދޫގައި ގާއިމުކުރާ މަސް ފެކްޓަރީގެ މަސައްކަތް ނިމުމުން، މަސްކިރުވުމުގައި ހުވަދުއަތޮޅުގެ މަސްވެރިންނަށާއި އަދި ވަކިން ޚާއްޞަކޮށް ހުވަދުއަތޮޅު ދެކުނުބުރީގެ މަސްވެރިންނަށް ދިމާވާ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެކަމަށް މިފްކޯއިން ގަބޫލުކުރެއެވެ.

މިފްކޯގެ އަމާޒަކީ މަސްވެރިންނާއެކު ގުޅިގެން މަސައްކަތްކޮށް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު