ENGLISH

08 ޖޫން 2026

Advertisement

ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅަން ބާކީ 7 ދުވަސް

08 ޖޫން 2026

|

އައިމިނަތު ޝަފާ

އެފްޑީސީ ފްލެޓްތައް--ފޮޓޯ: އެމްއެމްޓީވީ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާން އެންމެ ހަތް ދުވަހަށް ވެއްޖެއެވެ.

ކުރިން އޮތް ގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފްލެޓާއި ބިމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ސްކީމްތަކަށް ކުރިމަތިލާން ދިން ސުންގަޑި މިދިޔަ މަހުގެ ނިޔަލަށް ހަމަވާނެއެވެ.

ނަމަވެސް، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ފަހުން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނެވެ.

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ނިމިދިޔަ އަޟްޙާ ޢީދަކީ ގިނަ ބަޔަކު އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއެކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ވުޒާރާއަށް ލިބެމުން އަންނާތީކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އޭރު ބުންޏެވެ. 

މި ޕްރޮގްރާމްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޯލް ސެންޓަރުގެ މަސައްކަތް މެދުކެނޑުމަކަށްފަހު އަލުން ފަށާފައިވެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށެވެ.  ހުށަނާޅައި ޕެންޑިންގައިވެސް 17،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އެބަހުރި ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ. ޑްރާފްޓްގައި ހުރި އެޕްލިކޭޝަންތައް ލިބުމާއެކު ޖުމްލަ 37،000 އެޕްލިކޭޝަން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަން އެންމެނަށް" ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިއުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު އެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ އާއްމުކޮށްފަ އެވެ.

މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު