ENGLISH

08 ޖޫން 2026

Advertisement

ފިނޭންސް މިނިސްޓަރުގެ މަގާމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަގާމުގައި ހުންނެވި ޒަރީރު އައްޔަންކުރައްވައިފި

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ހަސަން ޒަރީރު ވަޒީރުކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އައްޔަންކުރައްވައިފިއެވެ. 

އެ މަގާމަށް ޒަރީރު އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޒަމީރު އިސްތިއުފާދެއްވި ސަބަބެއްކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާތީއާއި ފަރުވާ ހޯއްދެވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވަންޖެހިވަޑައިގަންނަވާތީ ކަމަށެވެ. 

ޒަރީރު މަގާމުގެ ހުވައިކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އޭނާއަށް މަގާމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ސަލީމެވެ. ހުވައިކުރެއްވުމަށްފަހު ޒަރީރުވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ. 

އައު މާލީ ވަޒީރަކީ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވުމަށްފައހު ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ފައިނޭންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. 

ފުރަތަމަ ޑިގުރީގައި އެކްސެލެންޓް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރަށް ޒަރީރުވަނީ ޑީންސް ލިސްޓުގައި ހިމެނިވަޑައިގަތުމާއެކު، މާސްޓާސްގައި އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހާސިލުކުރައްވާފައިވެއެވެ. 

އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓޫޓްގެ މެނޭޖުމެންޓު އެކައުންޓެންޓްސްއިން އޭނާއަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް އޭނާއަށް ލިބިވަޑައިގެންފަައިވެއެވެ. 

މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އޯގަސްޓު 2010 އިން ފެށިގެން ސެޕްޓެންބަރު 2019 ވަނައާ ދެމެދުގައ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްްސޭޝަންގެ މަގާމު އަދާކުރެއްވިއެވެ. 

އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް އަދި އޮޕަރޭޝަންސް މެނޭޖާ ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓުގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު