ENGLISH

08 ޖޫން 2026

Advertisement

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރީ މި ސަރުކާރުން: ސިއްދީގް

08 ޖޫން 2026

|

އައިމިނަތު ޝަފާ

ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރީ މި ސަރުކާރުންކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެއެވެ. 

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވެ 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވުމުން "އަދަދު" ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނު ވަނީ އޭނާއަށް ޖަލުގައި ކުރިމަތިވި ކަންކަމާ ގުޅޭ ގޮތުން މިފަހުން ވާހަކަތަކެއް ދައްކާފައެވެ. އޭނާގެ އެ ވާހަކަތައް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނުވެސް ދޮގުކުރެއްވިއެވެ.

އެމްއެމްޓީވީ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުގެ މި ވާހަކަފުޅުތަކަށް ބާރުދެއްވައި ސިއްދީގު ވިދާޅުވީ މީގެ ކުރިން ގައިދީންނަށް ނުލިބޭ އެތައް ހިދުމަތްތަކަކާއެކު މި ސަރުކާރުން ވަނީ ޖަލުތަކުގެ ހާލަތު އެތައް ތަނެެއް ރަނގަޅުކޮށްފައިކަމަށެވެ. 

" މީގެ ކުރިން ބަންކް ބެޑްގައި އޭސީކޮށްގެން ގައިދީން ނިދާފައެއް ނުވާނެ. މިއަދުގެ ސަރުކާރުން ޖަލުގައި ތިބޭ ގައިދީންގެ ގޮޅިތައް ޒަމާނީ ފެންވަރަށް ހަދައި، އޭސީ ކޮށްފައި ހުރި ގޮޅިތަކުގައި ބައެއް ގައިދީން އެ ނިދަނީ. ހުރިހާ ތަނެއް ނޫން، އެއީ ސަރުކާރުން ޖަލުތައް ރަނގަލަށް ހަދާފައި ހުރިކަމުގެ ހެކި. އެކަން ކުރީ މި ސަރުކާރުން،". ސިއްދީގު ވިދާޅުވިއެވެ. 

ޖަލުތަކުގެ ފެންވަރު ދަށްކޮށް ގައިދީންނާމެދު ނާތަހުޒީބުން އަމަލުކުރީ ނިމިދިޔަ ސަރުކާރުގައިކަމަށް ސިއްދީގް ވިދާޅުވިއެވެ. ޖަލުގެ ހާލަތާ ގުޅުވައި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތައް މި ސަރުކާރަށް ނިސްބަތް ނުވާނެކަމަށް ސިއްދީގު ވިދާޅުވިއެވެ. 

ޖަލުގެ ކާތަކެއްޗަށް ބަލާއިރުވެސް މި ސަރުކާރުން ދަނީ ފަސް އިރުގެ ކޮއްތު ކޮލިޓީ ކަށަވަރުކޮށްގެން ގައިދީންނަށް ފޯރުކޮށްދެމުން ކަމަށް ވިދާޅުވިއެވެ. އަދި ބަލި މީހުންނަށް ވަކި ހާއްސަ ކޮލިޓީއެއްގައި ކާތަކެތި ތައްޔާރުކޮސް ފޯރުކޮށްދޭކަމަށް ވިދާޅުވިއެވެ.

ކުށްކޮށްގެން ޖަލަށް ވަންނަނީ ގައިދީއެއްގެ ގޮތުގައި ކަމަށްވާތީ މިނިވަނަކަށް ލިބިދޭ ހައްގުތަކުން ބައެއް ކަންކަން އުނިވާނެކަން ގަބޫލުކުރަންޖެހޭނެކަމަށާއި ނަމަވެސް އެއީ ޖަލުތަކުގެ ހާލަތު ގޯސްވުން ކަމަށް ސިފަނުކުރެވޭނެކަމަށް ސިއްދީގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު