ENGLISH
08 ޖޫން 2026
މާލެ ޓެކްސީ ލައިން: ޕާޓްޓައިމްކޮށް ވަޒީފާ އަދާކުރަން ބޭނުންވާ 400 މީހުން ދަފްތަރުގައި
08 ޖޫން 2026
|
މާލެ ޓެކްސީ ލައިން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އެންމެ މަޤްބޫލު
ސަރުކާރުން އަލަށް ފެށި މާލެ ޓެކްސީ ލައިނުގެ ހިދުމަތުގައި ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރަން ބޭނުންވާ 400 މީހުން މިހާރުވެސް ދަފްތަރު ކުރެވިފައިވާކަމަށް މާލޭ ޓެކްސީ ލައިންގެ ހިދުމަތް ދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ގެނެސްދެމުން އަންނަ "ޓްރޭޑް ޑެސްކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ ޓެކްސީ ލައިނަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. ސަރުކާރުގެ ޓެކްސީ ލައިނުގައި ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިވެފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ.
" މި ފަހުން ހުޅުވާލި ފުރުސަތުގައިވެސް 400 އެއްހާ މީހުން އެބައޮތް ޕާޓް ޓައިމްކޮށް ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ދަފްތަރުކުރެވިފައި. އަޅުގަނޑުމެން އެބޭފުޅުންނަށް ފައިސާ މި ދައްކަނީ ފުލް ޓައިމް މުވައްޒަފުންނާ ހިލާފަށް ހަފްތާއަކުން ނޫނީ ދެ ހަފްތާއިން. އަދި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް އެބަހުރި ނަމަވެސް މާ ދުރުނޫން މުސްތަގުބަލެއްގައި މިކަން ވެސް ކުރެވޭނެ،". ސައުދީ ވިދާޅުވިއެވެ.
ސައުދީ ވިދާޅުވި ބޭސްފަރުވާއަށް މާލެ އަންނަ މީހަކު ވެސް އެމީހަކު މާލޭގައި ހުންނަ މުއްދަތުގައި މާލޭ ޓެކްސީ ލައިނުގައި ޕާޓް ޓައިމްކޮށް ވަޒީފާ އަދާކޮށްލައިގެން ދަތުރުގެ ހަރަދު ހަމަޖައްސާލުމުގެ ފުރުސަތުވެސް މިކަމުގެ ތެރެއިން ފަހިވެފައިވާކަމަށެވެ. މިއީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއްކަމަށް ވިދާޅުވިއެވެ.
މާލެ ޓެކްސީ ލައިނަކީ، ގްރޭޓާ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން، ފަރުމާކުރެއްވި މަސައްކަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިދިޔަ އޭޕްރީލް މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.