ENGLISH

08 ޖޫން 2026

Advertisement

ބޭންކަށް ފިޗުން ދިން ރޭޓިންއިން ދައްކުވައިދެނީ ބޭންކުގެ މާލީ ބިންގާތަކުގެ ވަރުގަދަކަން: ބީއެމްއެލް

08 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ދުޅެހެޔޮކަން ވަޒަންކުރުމަށްފަހު ފިޗް ރޭޓިންސައިން ދިން ރޭޓިންއަކީ ބޭންކުގެ މާލީ އަސާސްތަކުގެ ހަރުދަނާކަން ދައްކުވައިދޭ ރޭޓިންއެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 

ފިޗްއިންވަނީ ބީއެމްއެލްގެ ލޯންގް ޓާމް އިޝުއަރ ޑެފޯލްޓް ރޭޓިން "ސީސީސީ-"ގައި އަދި ލޯކަލް ކަރަންސީ ލޯންޓާމް އައިޑީއާރް "ސީސީސީ+"ގައި ކަނޑައަޅާފައެވެ. އަދި މި ދެ ރޭޓިންގެ އައުޓްލުކް ނުވަތަ މުސްތަގުބަލު ފެންނަ ގޮތަށް އެއްހަމައެއްގައި ހިފަހެއްޓޭނެކަމަށް ލަފާކޮށް "ސްޓޭބަލް" އައުޓްލުކްއެއް ކަނޑައަޅާފައިވެއެވެ. ދިވެހި ރުފިޔާ އައިޑީއާރް ރޭޓިންގެ ގޮތުގައި ފިޗުން ބީއެމްއެލްއަށް ދިން ރޭޓިންއަކީ ދިވެހި ދައުލަތުގެ ސިޔާދަތީ ކްރެޑިޓް ރޭޓިންއަށްވުރެ ދެ ދަރަޖަަ މަތި ރޭޓިންއެކެވެ. 

ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި ފިޗުގެ ރޭޓިންގައި ރާއްޖޭގެ ބޭންކިން ދާއިރާގައި ބީއެމްއެލްއިން އަދާކުރާ ދައުރުގެ އިސްކަަމާއި، އެބޭންކަށް ރާއްޖޭގައި އޮތް އިތުބާރަށް ފިޗުން ރިއާޔަތްކުރިއެވެ. ބޭންކުން ބުނީ، ންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އެ ބޭންކުގެ ފުޅާ ނެޓްވޯކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކުންފުނިތަކަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަަށެވެ. 

ފިޗުން ބީއެމްއެލްއަށް ދިން ރޭޓިން ދިނުމުގެ މައިގަނޑު ސަބަބެއްކަމަށް ބީއެމްއެލްއިން ފާހަަގަކުރީ ޖޫން 3، 2026 ވަނަ ދުވަހުގައި ދިވެހި ދައުލަތުގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމެވެ. ހާއްސަކޮށް މި އަހަަރުގެ އޭޕްރީލު މަހުގައި ދައްކަން އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމަކީ މި ހާލަަތު ރަނގަޅުވުމުގެ މައިގަނޑު ސަބަބުކަން ފިޗުންވެސް ފާހަގަކުރިއެވެ. 

. މީގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގެނެވުނު މުހިންމު އިސްލާހުތަކާއި، ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ވެސް މި ރޭޓިންގް މަތިކުރުމަށް މަގުފަހިވި މުހިންމު ސަބަބުތަކެކެވެ. އާންމު އުސޫލުން ދައުލަތުގެ ރޭޓިންގްއަށްވުރެ މަތީ ރޭޓިންގްއެއް އެ ގައުމެއްގެ މާލީ އިދާރާތަކަށް ނުލިބޭތީ، ބީއެމްއެލްގެ މާލީ ހާލަތު ވަރުގަދަ ނަމަވެސް، ބޭންކުގެ ރޭޓިންގް ބިނާވެފައިވަނީ ދައުލަތުގެ ރޭޓިންގްގެ މައްޗަށްކަން އެ ބޭންކުން ފާހަގަކުރިއެވެ. 

ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ މުހިންމު އެއް ސަބަބެއްގެ ގޮތުގަ ފިޗް އިން ފާހަގަކޮށްފައިވަނީ ބޭންކުގެ ރަނގަޅު ކެޕިޓަލް މިންވަރެވެ. ބޭންކުން ހޯދާ އާމްދަނީން ކެޕިޓަލް ވަރުގަދަކުރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް އުސޫލުތަކުގެ އިތުރުން، ޑިވިޑެންޑް ބެހުމުގައި ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ސަބަބުން، އިގްތިސާދީ ކުރިއެރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ފައިނޭންސް ފޯރުކޮށްދެމުންވެސް ބޭންކުގެ ރިޒާވް ވަރުގަދަކޮށް ބެލެހެއްޓިފައިވާ ކަމަށް ފިޗް އިން ބުނެފައިވާކަަން ބީއެމްއެލްއިން ފާހަގަކުރިއެވެ. 

ރޭޓިން ދިނުމުގައި ރާއްޖޭގެ ބޭންކުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން، ބޭރުފައިސާގެ ތަދުކަމާއި، ބޭންކިން ދާއިރާގެ ފަންޑިން އަދި ލިކުއިޑިޓީއަށް ކުރިމަތިވާ ފިއްތުންތައް ފަދަ ގޮންޖެހުންތަކާއި ހިރާސްތަކަށް ފިޗުން ރިއާޔަތްކުރިކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. 

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި ފިޗުގެ ރޭޓިންއިން ހާމަވަނީ ބޭންކުގެ މާލީ އަސާސްތަަކުގެ ހަރުދަނާކަމާއި، ބާޒާރުގައި ބޭންކުގެ އިސްދައުރާއި، އެ ބޭންކުން ނެރެމުންދާ މާލީ ރަނގަޅު ނަތީޖާއެވެ. ހާއްސަކޮށް ބޭންކަށް އަމިއްލައަށް ރައުސުލްމާލު (ކެޕިޓަލް) އުފެއްދުމުގެ ގާބިލުކަން ލިބިފައިވާކަން ފިޗުން ފާހަގަކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ.

""ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސްގެ ރޭޓިންގް އާންމުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއިން ހާމަވަނީ ބޭންކުގެ މާލީ ބިންގާ ވަރުގަދަކަމާއި، މާކެޓުގައި އަޅުގަނޑުމެންގެ ލީޑަރޝިޕް އަދި ހަރުދަނާ މާލީ ނަތީޖާއެއް ނެރެމުންދާކަން. މި ވަޒަންކުރުމަކީ ބޭންކުގެ އަމިއްލަ ގާބިލުކަމުގައި ކެޕިޓަލް އުފެއްދުމުގެ ބާރާއި، ހަރުދަނާ ކުރިއެރުމެއް ހޯދުމަށް ކުރާ މަސައްކަތުގެ ހެއްކެއް. ހާއްސަކޮށް، ކުޑަ ޖަޒީރާ ގައުމެއްގައި އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެން ދަމަހައްޓަމުންދާ ސާބިތުކަން މިއިން ދޭހަކޮށްދޭ. ރާއްޖޭގެ އެންމެ މުހިންމު މާލީ އިދާރާގެ ހައިސިއްޔަތުން، އަޅުގަނޑުމެން ދެމިތިބޭނީ ކަސްޓަމަރުންނަށް އެހީތެރިވެ، ގައުމީ އިގްތިސާދީ ތަރައްގީއަށް އެއްބާރުލުންދީ، މާލީ ގޮތުން އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމުގައި.،" ސީއީއޯ ވިދާޅުވިއެވެ. 

ބޭންކުން ފާހަގަކުރި ގޮތުގައި ފިޗުގެ ރޭޓިންއިން ބޭންކުގެ މާލީ ހާލަތުގެ ރަނގަޅުކަމާއި، ބާޒާރުގައި ބޭންކުގެ މަގާމުގެ ސާބިތުކަން ކަށަވަރުކޮށްދެއެވެ. ބޭންކުގެ މާލީ ހާލަތު ރަނގަޅު ނަމަވެސް ރާއްޖޭގެ މާލީ އެހެނިހެން މުއައްސަަސާތަކެކޭ އެއްގޮތަށް ބޭންކުގެ ރޭޓިން ވަރަށް ބޮޑަށް ބަރޯސާވަނީ ދައުލަތުގެ ކްރެޑިޓް ރޭޓިންގެ މައްޗަށްކަން ބޭންކުން ފާހަގަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު