ENGLISH
08 ޖޫން 2026
މަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީގެ މިންވަރު އިތުރުވަނީ
07 ޖޫން 2026
|
ރާއްޖޭގެ މަންތާ ރޭގެ ފަތުރުވެރިކަން-- ފޮޓޯ: މޯލްޑިވްސް ފައިނެސްޓް
އެންމެ މަޤްބޫލު
މަންތާ ރޭ ނުވަތަ މަޑީގެ ފަތުރުވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވަމުން އަންނަކަން، އައު ދިރާސާއަކުން ދައްކައިފިއެވެ.
ޕަބްލިކް ލައިބްރަރީ އޮފް ސައިންސް "ޕްލޮސް ވަން"ގެ ސައިންޓިފިކް ޖާނަލްއެއްގައި އާންމުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން، މަޑީގެ ފަތުރުވެރިކަން ފާއިތުވިއަހަރުތަކުގައި 380 އިންސައްތަ ކުރިއަރައި، ލޯކަލް ވިޔަފާރިތަކަށާއި، ވުވައްޒަފުންގެ އިތުރުން ސަރުކާރަށް ލިބޭ ސީދާ ފައިދާ އަހަރަކު 311 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެކަމަށް ލަފާކޮށްފައިވެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާގޮތުން، ދުނިޔޭގެ ފެންވަރުގައި މަޑީގެ އާބާދީ އަންނަނީ ދަށްވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ މި ސިނާއަތަކީ އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ލިބޭ އަދި މި ބާވަތުގެ މަސްތައް ހިމާޔަތްކުރުމަށް އެހީތެރިވެދޭ މުހިންމު ދާއިރާއެއްކަން ފާހަގަކޮށްފައިވެއެވެ.
މި ދިރާސާއިން އިތުރަށް ހާމަވެފައިވާ ގޮތުގައި 2021 ވަނަ އަހަރު ރާއްޖޭގެ މަންތާ ރޭ ޓޫރިޒަމުން ގާތްގަނޑަކަށް 227.3 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އުފައްދާފައިވެއެވެ. މީގެ ތެރޭގައި މަންތާ ބަލަންދާ އެކްސްކާޝަންތަކުން ލިބުނު 39 މިލިއަން ޑޮލަރާއި، އެއާ ގުޅުންހުރި އެހެނިހެން ހަރަދުތަކުގެ ގޮތުގައި ލިބުނު 188.3 މިލިއަން ޑޮލަރު ހިމެނެއެވެ. މި އާމްދަނީއަކީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމުގެ ނުވަތަ (ޖީ.ޑީ.ޕީ) 2.6 އިންސައްތައެވެ.
ރާއްޖޭގެ ޓުއަރިޒަމް އަންނަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުންނެވެ. ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި، އެމީހުންގެ އެކި ކަހަލަ ތަޖުރިބާ ދަތުރުތައްވެސް އަންނަނީ ގިނަކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ޓޫރިޒަމް އޮޕަރޭޓަރުންގެ 80 އިންސައްތަ ފަރާތްތަކުން މަޑި ބަލަންދިއުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މަޑި ފަދަ ދިރުންތައް ކެއުމަށް ބޭނުން ކުރުމުގެ ބަދަލުގައި، އެތަކެތި ބަލަން އަންނަ ފަތުރުވެރިންގެ ފަރާތުން ލިބޭ އާމްދަނީ މާ ބޮޑެވެ. ރާއްޖޭގައި ދިރިހުރި މިޔަރެއްގެ އަގު 33,500 ޑޮލަރަށް އަރާއިރު، ބާނާފައިވާ މިޔަރެއްގެ އަގަކީ އެންމެ 32 ޑޮލަރެވެ. މިފަދަ ދިރުންތައް ހިމާޔަތްކުރުމަށް ސަރުކާރުތަކުން ވަރަށް ބޮޑު ހޭދައެއް ކުރައެވެ. އެހެންކަމުން ވައިލްޑްލައިފް ޓޫރިޒަމަކީ ބަޔޯޑައިވާސިޓީ ރައްކާތެރިކުރުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ކާމިޔާބު އުކުޅެކެވެ.
ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް މަންތާ ރޭ ނުވަތަ އެންމަޑި ބަލަން ފަތުރުވެރިން އަންނަ، އެންމެ މަޝްހޫރު ގައުމެވެ. ރާއްޖޭގައި އެންމަޑި ބަލަންދާ 101 ސަރަހައްދެއް އޮވެއެވެ. އޭގެތެރެއިން ބ. އަތޮޅު ހަނިފަރު ފަދަ ސަރަހައްދުތަކަކީ ދުނިޔޭގެ އެންމެ ބޮޑު ރީފް މަންތާ އާބާދީ ޖަމާވާ މުހިންމު މަރުކަޒެކެވެ. މި ދިރުންތަކަކީ ދިވެހި މުޖުތަމައުތަކުގައި ސަގާފީ ގޮތުންނާއި ގުދުރަތީ ގޮތުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއްޗެކެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، މަސްވެރިކަމުގެ ސަބަބުން މަންތާ ރޭގެ އާބާދީއަށް ވަރަށް ބޮޑަށް އަސަރު ކުރެއެވެ. މިފަދަ ބައެއް ހާލަތްތަކުގައި ނުރައްކާތެރި ހާދިސާތައްވެސް ދިމާވުން އެކަށީގެންވާ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިގްތިސާދީ ތަނަވަސްކަމަށްޓަކައި މަންތާ ރޭ ހިމާޔަތްކުރުމަށް ހަރުދަނާ އިދާރީ އުސޫލުތަކެއް ގާއިމުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދިރާސާގައި ބުނެފައިވެއެވެ.