ENGLISH

05 ޖޫން 2026

Advertisement

ވައި.އެމް.އެސް.އޭ އިން ހޯދި ކާމިޔާބީއާއެކު ދިވެހި ދަރިވަރުން ތާރީހުގެ ތެރެއަށް!

04 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ވައި.އެމް.އެސް.އޭ އިން ފަހުރުވެރި ކާމީޔާބީ ހޯދި ދަރިވަރުން

ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ "ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް 2026" (ވައި.އެމް.އެސް.އޭ) މުބާރާތުން ރަން ވަނަތަކެއް ދިވެހި ދަރިވަރުން ހާސިލުކޮށްފިއެވެ.

"މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަން" އިން އިންތިޒާމުކުރި މި މުބާރާތުގެ ތިން އުމުރުފުރާ ކަމަށްވާ 4-7 އަހަރު، 8-11 އަހަރު، އަދި 12-16 އަހަރުގެ ބައިންވެސް އެއްވަނަ ހޯދާފައިވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނެވެ.

މިއީ މި މުބާރާތުގެ ތާރީހުގައިވެސް އެންމެ ފަހުރުވެރި ވަނަތައް އެއް ގައުމަކުން ހާސިލުކުރި ފުރަތަމަފަހަރެވެ.

ދަ ޔަންގް މެތަމެޓިކަލް ސްޓޯރީ އޯތާސް (ވައި.އެމް.އެސް.އޭ) މުބާރާތަކީ، ހިސާބު އިލްމު އުނގެނޭ އެކި އުމުރުފުރައިގެ ދަރިވަރުންނަށް އަމިއްލަ އުފެއްދުންތެރި ވާހަކަ ފޮތްތަކުގެ ޒަރީއާއިން، މާނަފުން އަދި ޝައުގުވެރި މާހައުލެއްގައި ހިސާބުގެ ތަސައްވުރުތައް ރީތިކޮށް ދައްކުވައިދިނުމަށް ހިތްވަރުދިނުމުގެ ގޮތުން ދުނިޔޭގައި ބާއްވާ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އަހަރީ މުބާރާތެވެ.

މެތު ތޯޓް ސްޓޯރީޒް އޯގަނައިޒޭޝަންގެ ފަރާތުން އިންތިޒާމުކުރާ މި މުބާރާތް، 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދެއެވެ.

މިގޮތުން މި މުބާރާތުގައި މިހާތަނަށް ދުނިޔޭގެ 40 އަށްވުރެ ގިނަ ގައުމުން 7،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ދުނިޔޭގެ 34 ގައުމަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި، ރާއްޖެއިން ވެސް 650 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އެއާއެކު މި މުބާރާތުގައި ބައިވެރިވި ގައުމުތަކުގެ ނިސްބަތުން، އެންމެ ގިނަ ދަރިވަރުން ބައިވެރިވި އެއް ގައުމުގެ ޝަރަފު ލިބިފައިވަނީ ދިވެހިރާއްޖެއަށެވެ.

މި ތާރީހީ ފުރިހަމަ ކާމިޔާބީން ހާމަކޮށްދެނީ، މުއައްސަސާތަކުގެ ވަރުގަދަ އެއްބާރުލުމާއި އެހީތެރިކަން ލިބިއްޖެނަމަ، އަޅުގަނޑުމެންގެ ދަރިވަރުންގެ އާދަޔާ ޚިލާފު ހުނަރާއި ގާބިލުކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ތައުލިމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރައިން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ތާރީހުގައި ލިބުނު މި ފަހުރުވެރި ކާމިޔާބީ މުޅި ގައުމުން ފާހަގަކުރާއިރު، މިއީ ދިވެހިރާއްޖޭގެ ހިސާބު ޢިލްމުކިޔަވައިދިނުމުގެ އުފެއްދުންތެރިކަމާއި ފުރިހަމަކަމުގެ އައު ދައުރެއް ފެށިގެންދިޔުމުގެ ނިޝާނެއްގެ ގޮތުގައި ތައުލީމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު