ENGLISH
04 ޖޫން 2026
ބަހުރައިނާއި ކުވައިތަށް ދިން ޑްރޯނު ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
04 ޖޫން 2026
|
އެންމެ މަޤްބޫލު
ކުވައިތާއި ބަޙުރައިނަށް ދިން ނުރައްކާތެރި ޑްރޯނު ހަމަލާތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފިއެވެ.
ހާރިޖީވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ކުވައިތާއި ބަހުރައިނަށް އަމާޒުކޮށް ދިން ޑްރޯނު ހަމަލާތަކުގައި މަދަނީން ނުވަތަ އާއްމުން ދިރިއުޅޭ ތަންތަނުގެ އިތުރަށް އެ ދެ ގައުމުގެ މުހިއްމު އުމްރާނީ ވަސީލަތްތައް އަމާޒުފަތްގަނޑަކަށް ހަދާފައިވެއެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ބަހުރައިނާއި ކުވައިތަށް ދިން ހަމަލާތަކަކީ އެ ދެ ގައުމުގެ ސިޔާދަތަށް އަރައިގަތުމުގެ ސާފު އަމަލެއްކަމަށް ދިވެހިރާއްޖެއިން ދެކޭ ކަމަށެވެ. އަދި އެ ހަމަލާތަކަކީ މެދުއިރުމަތީގެ ރައްކާތެރިކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށްވެސް ހާރިޖިއްޔާގެ ބަޔާނުގައި ސިފަކުރިއެވެ.
އަދި ދިވެހިރާއްޖެ ދެމިއޮންނާނީ ސާބިތުކަންމަތީ ބަހުރައިނާއި ކުވައިތުގެ ރައްޔިތުންނާއި އެ ދެގައުމުގެ ސަރުކާރާއެކުކަމަށްވެސް ހާރިޖިއްޔާއިން ބުނެފައިވެއެވެ. އަދި ގައުމުތަކުގެ ސިޔާދަތު ރައްކާތެރިކޮށް ސަލަމާތާއި ސަރަހައްދީ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގައި ހާރިޖިއްޔާއިން ބުނެފައިވެއެވެ.
އޭގެ އިތުރަށް ހަނގުރާމައާއި ނުތަނަވަސްކަން އިތުރަށް ބޮޑުކުރުން ހުއްޓައިލުން މުހިއްމުކަން ފާހަގަކުރުމާއެކު، މަޝްވަރާއާއި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން ނުތަނަވަސްކަން ކުޑަކޮށް މެދުއިރުމަތީގައި ހަމެޖެހުން ރައްކާކުރުމަށް ސަރުކާރުން ގޮވައިލިއެވެ.
އެމެރިކާއިން ގުޝެއިމްއަށް ދިން ހަމަލާގެ ރައްދުގައި އީރާނުންވަނީ ބަހުރައިނާއި ކުވައިތަށް ހަމަލާދީފައެވެ. އީރާނުން ބުނާ ގޮތުގައި އެގައުމަށް އެމެރިކާއިން ހަމަލާދިނީ ކުވައިތާއި ބަހުރައިނުގައި ގާއިމުކޮށްފައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެންނެވެ.