ENGLISH
04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކަށްވެސް ފުރުސަތު
04 ޖޫން 2026
|
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިިފި
އެންމެ މަޤްބޫލު
މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުުޅުވާލާފައިވަނީ 17 މެއި 2026 ގައެވެ.
މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކާއި ހާއްސަ ސްކޮލަރޝިޕްއަށް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުތަކެކެވެ.
މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނެއެވެ.
އެހެންނަމަވެސް، ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކަށް ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ބޭރުން އެހެން ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.
އެގޮތުން، ސޮކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމައުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށްވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެއެވެ. މި ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްގެ ޓެމްޕްލޭޓް އިއުލާނާއެކު ޒަކާތުހައުސްއިން އާއްމުކޮށްފައިވެއެވެ.
މި ފުރުސަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް، އަދި 20 ފުރުސަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ހާއްސަކޮށްފައިވެއެވެ.
މީގެ އިތުރުން، ހާއްސަ ސްކޮލަރޝިޕް ފުރުސަތުތަކެއް ވެސް ވަނީ ތަޢާއާރަފުކޮށްފައެވެ.
އޭގެ ތެރޭގައި، މިހާރު ސައުދީ އަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ސިއްހަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.
މި ފުރުސަތުތަކަށް އެދި އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހަޅާނީ [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅޭނީ 16 ޖުލައި 2026 ވަނަ ދުވަހު މެންދުރު 14:00 ގެ ނިޔަލަށެވެ.