ENGLISH
03 ޖޫން 2026
ވޯލްޑް ކަޕް ބޯޅަ "ޓްރިއޮންޑާ" އެހާ ހައި ޓެކް ވާންވީ ކީއްވެ؟
03 ޖޫން 2026
|
ފީފާ ވޯލްޑް ކަޕުގައި ބޭނުންކުރާ ރަސްމީ ބޯޅަ "ޓްރިއޮންޑާ" ---
އެންމެ މަޤްބޫލު
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި ބޭނުންކުރާ ރަސްމީ ބޯޅަ ދައްކާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީކޮޅެވެ. މި ބޯޅައަށް "ޓްރިއޮންޑާ" ކިޔާފައިވަނީ ތިން ގައުމެއްގައި މުބާރާތް ބާއްވާތީއެވެ. ސްޕެއިން ބަހުން ޓްރިއޮންޑާގެ މާނައަކީ ތިން ރާޅެވެ.
މި ބޯޅަ އެންމެ ޚާއްސަވާ އެއް ކަމަކީ އޭއައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، މެޗާ ބެހޭ ގިނަ އަދަދެއްގެ ޑޭޓާ ބޯޅައަށް އެއްކުރެވޭނެއެވެ. ޓްރިއޮންޑާ އަކީ "ސްމާޓް ބޯޅަ" އެއް ކަމަށް ބުނާއިރު، އޭއައި ޓެކްނޮލޮޖީގެ އިތުރުން ޚާއްސަ ސެންސަރެއް ބޯޅައިގައި ވަނީ ހަރުކުރެވިފައެވެ.
ބޯޅަ ދަނޑު ވަށައިގެން ދަތުރުކުރާއިރު، ޑޭޓާ އެއްކުރާނީ ދަނޑު ވަށައިގެން ބަހައްޓާފައިވާ ސެންސަރުތަކުންނެވެ. މި ސެންސަރުތައް ގުޅިފައި ހުންނަނީ ބޯޅައިގެ ތެރޭގައި އިންނަ ޚާއްސަ ސެންސަރާއެވެ. މި ސެންސަރުން ސިކުންތަކަށް 500 ފަހަރު ސުޕަ ސްޕީޑް ރޭޓުން ޑޭޓާ އެއްކުރެވޭއިރު، އޮފްސައިޑާއި، ގޯލް ފަދަ ކަންކަމާ މެދު ރެފުރީންނަށް ރަނގަޅު ނިންމުންތަކެއް ނިންމުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ވޯލްޑް ކަޕް ބޯޅަ "ޓްރިއޮންޑާ" - އެތެރޭގައި ޚާއްސަ ސެންސަރެއް ވަނީ ހަރުކުރެވިފައި
މި ފަހަރުގެ ބޯޅައިގައިވާ ތިން ކުލަ އަކީ މެކްސިކޯގެ ފެހި ކުލަ އާއި، ކެނެޑާގެ ރަތް ކުލަ އަދި އެމެރިކާގެ ނޫ ކުލައެވެ. މެކްސިކޯގެ ދިދައިގައިވާ ފެހިކަމާއި، ކެނެޑާގެ ދިދައިގައިވާ ފަތާއި، އެމެރިކާގެ ދިދައިގައި ހުންނަ ތަރިތައްވެސް، ބޯޅައިގައި އެ ގައުމަކަށް ހާއްސަކޮށްފައިވާ ބައިގައި ހިމަނާފައިވެއެވެ.
މިއީ ތާރީޚުގައިވެސް ތަފާތު ތިން ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފުރަތަމަ މެޗު ކުޅޭނީ މި މަހުގެ 11 ގައި މެކްސިކޯ ސިޓީގައެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 19 ގައި އެމެރިކާގެ ނިއު ޖާޒީގައެވެ.
މުބާރާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 48 ޓީމެއް ހިމެނޭއިރު، މި މުބާރާތް ރިކޯޑު އަދަދެއް ކަމަށްވާ 39 ދުވަހު ދެމިގެންދާނެއެވެ. ވޯލްޑް ކަޕުގެ އައު ފޯމެޓުގައިވާ ގޮތުން ހަތަރު ޓީމުގެ 12 ގްރޫޕުގެ މެޗުތަކާއި، ނޮކްއައުޓް އިތުރު ބުރެއް ކުރިއަށްދާނެއެވެ.