ENGLISH
03 ޖޫން 2026
ފެރިދޫގައިވެސް އައު ޕޮލިސް ސްޓޭޝަނެއް އިމާރާތްކޮށް ރަސްމީކޮށް ހުޅުވައިފި
03 ޖޫން 2026
|
އއ. ފެރިދޫގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުން. ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
ސަރުކާރުން މުޅި ރާއްޖޭގައި ޕޮލިސް ސްޓޭޝަންތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އއ. ފެރިދޫގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަންގެ މަސައްކަތް ނިންމައި 02 ޖޫން 2026 ވަނަ ދުވަހު ރަސްމީކޮށް ހުޅުވައިފިއެވެ.
ފެރިދޫގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި، ފެރިދޫ ކައުންސިލު ރައީސް އަންވަރު ސާދާތުއާއި، ކައުންސިލު މެމްބަރުންނާއި އެމްޓީސީސީގެ މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވައި، ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ފެރިދޫ ކައުންސިލުން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ. މި ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާންއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ފުލުހުން
ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ފެރިދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއެވެ. މި އިމާރާތުގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 19 ވަނަ ދުވަހުއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.
ފެރިދޫގައި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ރަސްމީކޮށް ހުޅުވިއިރު، އިއްޔެ ވަނީ ބ. މާޅޮހު ޕޮލިސް ސްޓޭޝަން ވެސް ރަސްމީކޮށް ހުޅުވައިފައެވެ.
ސަރުކާރުން އަންނަނީ އާ ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި، މަރާމާތުކުރަންޖެހޭ ޕޮލިސް އިމާރާތްތަކުގެ މަސައްކަތް ކުރުމުގެ އިތުރުން، ރަށްރަށުގައި ހުރި އެކަމޮޑޭޝަން ބްލޮކްތައް ވެސް މަރާމާތުކުރަމުންނެވެ.
ޕޮލިސް ސްޓޭޝަންތަކުގެ އަމަލީ މަސައްކަތްތައް ކުރަމުން އަންނައިރު، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށްފައެވެ.