ENGLISH

03 ޖޫން 2026

Advertisement

ރައީސް، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ތަހުނިިޔާ ފޮނުއްވައިފި

03 ޖޫން 2026

|

ޢަލީ ޝަހީމް

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 81 ވަނަ ދައުރުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލެންސީ ޑރ. ޚަލީލުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާއެއް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ތަހުނިޔާ ވިދާޅުވީ، 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ، މުހިއްމު މަސްޢޫލިއްޔަތު އަދާކުރުމުގައި އދ. އާންމު މަޖިލީހުގެ އައު ރައީސަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑރ. ޚަލީލުއްރަޙްމާންގެ ޤާބިލު ރިޔާސަތުގެ ދަށުން، އާންމު މަޖިލީހަކީ ހުރިހާ މެންބަރު ޤައުމުތަކަށްވެސް މުހިއްމު މަންސައެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިއީ ބަންގްލަދޭޝްގެ ރައްޔިތުންނަށާއި މި ސަރަޙައްދަށް ލިބުނު ފަޚުރުވެރި ވަގުތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ ތަހުނިޔާ ވިދާޅުވެފައެވެ. އިރުތިޝާމްގެ ތަހުނިޔާ މެސެޖުގައި ވިދާޅުވީ، ޑރ. ޚަލީލުއްރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއި އެހެން ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އދގެ އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމަށް ދިވެހިރާއްޖެ ވަނީ އިންތިޚާބުވެފައެވެ. މި މަގާމަށް ދިވެހިރާއްޖެ އިންތިޚާބު ވީ، އާންމު މަޖިލީހުގެ އިއްތިފާޤުންނެވެ.

އާންމު މަޖިލީހުގެ އިޤްތިސާދީ އަދި މާލީ ކޮމިޓީގެ މުގައްރިރުގެ ނައިބުގެ މަގާމުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާނީ ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ، ޙުސައިން އަޛްހާން މުޙައްމަދު ޙުސައިން އެވެ.

އދގެ އާންމު މަޖިލީހުގެ 81 ސެޝަންގައި، ކޮމިޓީގެ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި، ކޮމިޓީގެ މުޤައްރިރާއި ބިއުރޯގެ އެހެނިހެން މެންބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން މުހިންމު ދައުރެއް އަދާކުރާނެ އެވެ. އދގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ކުރިއަށް ދާނީ 2026 ސެޕްޓެމްބަރ އިން 2027 ސެޕްޓެމްބަރ އަށެވެ.

ކިޔުންތެރިންގެ ހިޔާލު