ENGLISH
02 ޖޫން 2026
ބަލިވި ގޮތް ހިތްދަތި، އެކަމަކު ހާސިލުވި ކަންކަމުން ހިތްހަމަޖެހޭ: އުރްބާނީ
02 ޖޫން 2026
|
ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި އަފްޣާނިސްތާން އަތުން ބަލިވި ގޮތް ހިތްދަތި ކަމަށާއި، އެކަމަކު މެޗުން ހާސިލުވި ކަންކަމަށް ބަލާއިރު ހިތްހަމަޖެހޭ ކަމަށް ރާއްޖޭގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު އަފްޣާނިސްތާނުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ރާއްޖެ ބަލިވުމާއެކު، އަފްޣާނިސްތާނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފައެވެ. އަފްޣާނިސްތާން އަތުން ރާއްޖެ އެންމެ ފަހުން މޮޅުވެފައިވަނީ 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މުބާރާތުގައިވެސް ރާއްޖޭގެ ޓީމަށް އިރުޝާދުދީފައިވަނީ އުރްބާނީއެވެ. އެކަމަކު އޭގެ ފަހުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވި މެޗުގައި ރާއްޖެެއިން ވަނީ ޕެނަލްޓީގައި އަފްޣާނިސްތާން ބަލިކޮށްފައެވެ.
ރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ މެޗުން ބަލިވި ގޮތް ވަރަށް ހިތްދަތި ކަމަށާއި، އެކަމަކު މި މެޗުން ހާސިލުވި ކަންކަމުގެ ވިސްނުމަށް ބައްޓަންކުރާނަމަ، ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން މި މެޗާ ކުރިމަތިލިއިރު ޔަގީންކަމާއެކު ސީދާ ނަތީޖާއެއް ނެރުމަކީ ވާނެ ކަމެއް ނޫން ކަމަށް ބުނި ކަމަށާއި، ނަމަވެސް އެ ކޮންފިޑެންސް އޮވެގެން ރަނގަޅު ކުޅުމެއް ދައްކައިގެން ކުރިއަށްދެވޭނެ ކަމަށް ބުންޏެވެ.
އުރްބާނީ ބުނީ ބާކީ ހުރި މެޗުތަކާ ކުރިމަތިލާއިރު އޭނާގެ ވިސްނުން ބައްޓަންކުރަން ބޭނުންވަނީ ކުރަން ޖެހޭ ކަންކަން ކުރަން ފޯކަސް ކުރުމަށް ކަމަށެވެ. އެ ގޮތުން ރޭގެ މެޗުގައިވެސް ކުޅެން ބޭނުންވާ ސްޓައިލުގެ ތެރެއިން ކަންކަން ހާސިލުކުރެވުނު ކަމަށާއި، އެ ގޮތުން ޑިފެންޑަރަކަށް ކުޅުނު ހަސަން އީނާޒްގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުން އުރްބާނީ ފާހަަގަކުރިއެވެ.
ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވިއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ހަވީރު ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި އަފްޣާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.