ENGLISH

02 ޖޫން 2026

Advertisement

ބަލީގެ ބާވަތާއި ހާލަތަށް ބަލައި، ރާއްޖެއިން ލިބޭ ފަރުވާއަށް ބޭރަށް ދާން އާސަންދަ ދެނީ

02 ޖޫން 2026

|

އަޙުމަދު ޙަމީދު

ދަރުމަަވަންތަ ހޮސްޕިޓަލް -- ފޮޓޯ: އަނޫފް

ބަލީގެ ބާވަތަކާއި ހާލަތަށް ބަލައި، ރާއްޖެއިން ލިބޭ ފަރުވާއަށް ބޭރަށް ދާން އާސަންދަ ދެވޭ ގޮތަށް ޤަވާއިދަށް ބަދަލު ގެނެސްފި އެވެ.

ކުރީން އޮންނަ ގޮތުންނަމަ އާސަންދަ ލިބެނީ ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް އެކަންޏެވެ. ނަމަވެސް އާސަންދަ ސްކީމް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ބަދަލުކުރުމަށް ސަރުކާރުން ދަނީ މުހިންމު ބައެއް ބަދަލުތައް ގެންނަމުންނެވެ.

އެގޮތުން މިހާރު ގެނެސްފައިވާ ބަދަލާއެކު ބަލީގެ ބާވަތަށާއި ބަލި މިހާގެ ޙާލަތާއި ރާއްޖޭގައި ލިބެންހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކޮށް ރާއްޖެއިން ލިބެން ހުރި ފަރުވާ ހޯދުމަށްވެސް އާސަންދަ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރުން ލަފާ ދިނުމަށް ފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަ ކުރުމަށް ފަހު އެނބުރި ރަށަށް ދިއުމަށްވެސް އާސަންދަ ލިބޭނެ ގޮތަށް ޤަވާއިދު ވަނީ ބަދަލުކޮށްފަ އެވެ.

އައު ބަދަލުގައިވާ ގޮތުން ރިފަރ ކުރުމުގެ ހުއްދަ ދެވޭނީ އެ ބައްޔެއްގެ ޚާއްސަ ޑޮކްޓަރުން ތިއްބަވާ އާސަންދަ ސްްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ރަޖިސްޓްރީވެފައިވާ ޚިދުމަތްދޭ ތަންތަނަށެވެ. އަދި އެ ބައްޔެއްގެ ޚާއްސަ ޑޮކްޓަރެއް އެ އަތޮޅުގައި ނުވަތަ އެ ރަށެއްގައި ނެތްނަމަ އާސަންދަ ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށް ރިފަރ ކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ޤަވާއިދުގައި ބުނެ އެވެ.

މި ބަދަލު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާޢިއުކޮށް މިހާރު ވަނީ ޢަމަލު ކުރަން ފަށާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު