ENGLISH
02 ޖޫން 2026
ޖޫން ނިމުމުގެ ކުރިން މ. އަތޮޅުގައި އާރުޓީއެލް ހިދުމަތް ފަށަނީ
02 ޖޫން 2026
|
މ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމުގެ ގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށްގެންދަނީ. ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ޖޫން މަސް ނިމުމުގެ ކުރިން މ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖޭގައި ފެށުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން މިހާރު ޚިދުމަތް ފެށިފައިނުވަނީ މ. އަތޮޅުގެ އިތުރުން، ކ، އއ، އދ އަދި ވ އަތޮޅުގައެވެ.
އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީ މެދުވެރިކޮށެވެ. އެމްޓީސީސީން މިހާރު އަންނަނީ މ. އަތޮޅުގައި ޚިދުމަތް ފެށުމަށް އެ އަތޮޅުގައި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެހެން އަތޮޅުތަކެކޭ ވެސް އެއްގޮތަށް މ. އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި، ސްކޫލާއި، ޖަމިއްޔާތައް އަދި އިދާރާތައް ބައިވެރިކޮށްގެން އެމްޓީސީސީން ދަނީ އާރުޓީއެލްގެ ޚިދުމަތާ ގުޅޭ މަޢުލޫމާތު ހިއްސާކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޮންޖެހުންތަކެއް ހުއްޓަސް އަމާޒަކީ އޮގަސްޓް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލްގެ ޚިދުމަތް ފެށުން ކަމަށެވެ.
ސަރުކާރުން އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ ލ. އަތޮޅުގައެވެ. އޭގެކުރީން ގިނަ އަތޮޅުތަކެއްގައި މި ސަރުކާރުން ވަނީ އާރުޓީއެލްގެ ޚިދުމަތް ފަށައިފައެވެ.