ENGLISH

02 ޖޫން 2026

Advertisement

ގައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާ ސެންޗަރީ ކުލަބަށް

02 ޖޫން 2026

|

އިސްމާއިލް ޝާހު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްޣާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނާ އެކު ދަގަނޑޭ ފޮޓޯ އަކަށް ހުއްޓިގެން --- ފޮޓޯ: މަރިޔަމް ނަދުވާ / އެމްއެމް ސްޕޯޓްސް

ގައުމީ ފުޓްބޯޅަ ޓީމަށް 100 މެޗު ހަމަކޮށް، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފީފާ ސެންޗަރީ ކުލަބުން ޖާގަ ހޯދައިފިއެވެ. 

އުމުރުން މިހާރު 40 އަަހަރުގެ ދަގަނޑޭ އަކީ މި ޝަރަފު ހޯދި ރާއްޖޭގެ ދެވަނަ ކުޅުންެތެރިޔާއެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުޙައްމަދު (އިންމަ) ވަނީ 109 މެޗު ގައުމީ ޓީމަށް ކުޅެދީ، ފީފާ ސެންޗަރީ ކުލަބުގައި ހިމެނުނު ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. 

ގައުމީ ޓީމަށް ދަގަނޑޭ ކުޅެދިން 100 ވަނަ މެޗަކީ ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި މިރޭ އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެވެ. މި މެޗުން 1-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، މެޗުގެ 84 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ކުޅެން އަރުވާފައެވެ. ދަގަނޑޭ ކުޅެން ނުކުތުމާއެކު ގައުމީ ޓީމުގެ ބޭންޑުވެސް ވަނީ އޭނާގެ އަތުގައި އަޅުވާފައެވެ.

ގައުމީ ޓީމަށް 2003 ވަނަ އަހަރު ކުޅެން ފެށި ދަގަނޑޭ މި ފަހުން ގައުމީ ޓީމަށް ނެގީ މެދުކެނޑުމަކަށްފަހުއެވެ. އެގޮތުން މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ޓިމޯ ލެސްޓޭ އަތުން 2-1 އިން ރާއްޖެ މޮޅުވި މެޗަކީ ތިން އަހަރަށްފަހު، ދަގަނޑޭ ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން ދަގަނޑޭ ވަނީ އެ މުއްދަތުގައި ކަކުލުގެ ދެ އޮފަރޭޝަނެއްވެސް ކޮށްފައެވެ.

ރާއްޖެއަށް 2008 ވަނަ އަހަރު ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 58 ލަނޑު ޖަހައިދީފައެވެ. ދަގަނޑޭ އަކީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު