ENGLISH

01 ޖޫން 2026

Advertisement

ޕާކިސްތާނާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރު

01 ޖޫން 2026

|

އިސްމާއިލް ޝާހު

ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަރނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޕާކިސްތާނާއި ބަންގްލަދޭޝް އެއްވަރުވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު ފެށި މި މުބާރާތުގައި ހަތަރު ގައުމެއްް ވާދަކުރާއިރު، މި މުބާރާތަށް ބަންގްލަދޭޝްއިން ފޮނުވާފައިވަނީ ޒުވާން ޓީމެކެވެ. އެގޮތުން ބަންގްލަދޭޝްގެ ސީނިއަރ ޓީމު ޔޫރަޕުގައި ސެން މެރީނޯއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވަމުން އަންނައިރު، ކޯޗު ތޯމަސް ޑޫލޭ ހުރީ އެ ޓީމުގެ ކޯޗަކަށެވެ. އެއާއެކު ރާއްޖޭގެ މުބާރާތަށް ފޮނުވި ބަންގްލަދޭޝްގެ ޒުވާން ޓީމުގެ ކޯޗަކީ ކުރިން ސީނިއަރ ޓީމުގެ ކޯޗަކަށްވެސް މަސައްކަތްކުރި މަރޫފުލް ހައްގުއެވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅު ބަންގްލަދޭޝްއިން ނުރައްކާކުރިއިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން ސޯރަވް ދީވާން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ބަންގްލަދޭޝްއަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 28 ވަނަ މިނެޓުގައެވެ. އެމްޑީ ރަބީ ހޮސެން ރާހުލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ހުސްކޮށް ހުރެ އެމްޑީ މުރްސެދު އަލީ ފޮނުވާލި ހަމަލާ، ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނަށް ބަންގްލަދޭޝްގެ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައި ނުވާއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭރިއާ ބޭރުން ބަންގްލަދޭޝްގެ ނަޒްމުލް ހުދާ ފައިސަލް ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ޕާކިސްތާނުން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އޭރިއާ ބޭރުން އެ ޓީމުގެ އަލަމްގީރް އަލީ ޚާން ޣާޒީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ބަންގްލަދޭޝްއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން މެންޖުރޫރު ރަހްމާނަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ބޯޅަ ނެތީސް ޕާކިސްތާނުގެ ކީޕަރަށް ފައުލް ކުރުމާ ގުޅިގެންނެވެ.

އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޕާކިސްތާނުގެ އަލީ ޚާން ނިއާޒީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ހުސްކޮށްހުރެ އެ ޓީމުގެ އަލީ ހައިދަރު ޝާހު ފޮނުވާލި ހަމަލާއެއް ބަންގްލަދޭޝްގެ ގޯލްކީޕަރު އެމްޑީ މެހެދީ ހަސަން ސްރަބޮން ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ އިތުރު ވަގުތުގައި އޭރިއާ ތެރެއިން ޕާކިސްތާނުގެ ހާރޫން އަރް ރާޝިދު ފަހީމް ހާމިދު ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ބަންގްލަދޭޝްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލުގައި ބައްދަލުކުރާ ގޮތަށެވެ. މި މުބާރާތުގައި މިރޭ ރާއްޖެ އާއި އަފްޣާނިސްތާން ބައްދަލުކުރާއިރު، މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު