ENGLISH
01 ޖޫން 2026
ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިޔާ ބައެއް އެޕުތައް މަނާކުރުން: މިއީ ބޭނުންތެރި މުހިންމު ކަމެއް
01 ޖޫން 2026
|
ޑޮކްޓަރު މުޙައްމަދު އަލީ --
އެންމެ މަޤްބޫލު
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން އުމުރުން 16 އަހަރުގެ ކުދިންނަށް މީސްމީޑިޔާ ބައެއް މަންސަތައް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ގަސްތުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވި އިއުލާނު ކުރެއްވުމަށް ދިވެހީންގެ ތެރޭގައި މަޤުބޫލު އެތެރެހަށީގެ ޑޮކްޓަރު މުޙައްމަދު އަލީ ތަޢުރީފު ކުރައްވައިފި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ކަމެކެވެ. އަދި މީސްމީޑިޔާ ބައެއް މަންސަތަކުގެ ސަބަބުން ކުދީންނަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް ޅަ ދަރީންގެ ސިކުނޑިތަކަށް ކުރާ ނުރަނގަޅު އަސަރުތައް ފާހަގަ ކުރެއްވި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޒުވާންކުދިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ނޭދެވޭ ކަންކަމުގެ ތެރެއަށް ވަނުމުގެ މައްސަލައަކީ ބަވަނަވެފައިވާ މުޅި ދުނިޔެ ތަހައްމަލުކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުން ސައިބާ ބުލީން ނުވަތަ އޮންލައިންކޮށް ބުލީކުރުމަކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، ކުޑަކުދިން ގްރޫމްކުރުމުގެ އިތުރަށް މީސްމީޑިޔާ މަންސަތަކުގެ ޒަރީއާއިން ކުޑަކުދިންނާ ހަމައަށް ނުރައްކާތެރި އެކި ޒާތުގެ ކޮންޓެންޓުތަކަށް ވާސިލުވުމަށް މަގުފަހިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އަޅުގަނޑުމެން މިއީ އިސްލާމީ މުޖުތަމައަކަށްވާއިރުގައި، މިހާ ކްލޯސް ނިޓެޑް ކުޑަ މުޖުތަމައަކަށްވާއިރުގައި އަޅުގަނޑުމެންގެ ޒުވާންކުދިން ތުއްތުކުދިން މިކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް، ރައްޔިތުންނާ ގުޅިގެން ފިޔަވަޅެއް އަޅަންޖެހޭ މުހިއްމު ކަމެއް ކަމުގައި ދެކެން. ކުރިއަށް އޮތް ތަނުގައި ކަމާ ބެހޭ ފަރާތްތަކާ، މިދެންނެވީ ސިވިލް ސޮސައިޓީ ކަމާ ގުޅޭ ޖަމްއިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށް އާއްމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމާ ގުޅޭ ގާނޫނުތަކާ އަޅަންޖެހޭ ފިޔަވަޅުތަކެއް، ސޯޝަލް މީޑިޔާގެ ބައެއް އެޕްތައް އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް ބޭނުންނުކުރެވޭ ގޮތަށް ހަމަޖައްސަން ފިޔަވަޅުތަކެއް އަޅަން ގަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުގައި އޮސްޓްރޭލިއާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ނަމޫނާއެއް ކަމުގައި ދެކެވަޑައިގަންނަވައެވެ. ރައީސް ވިދާޅުވީ އޮސްޓްރޭލިއާއިން އެކަމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި ގާނޫނަަށް ގެންނަންޖެހޭ ބަދަލުތަކާއި، ސޯޝަލް މީޑިޔާ ކުންފުނިތަކާ މުއާމަލާތްކުރުމުގައި އޮސްޓްރޭލިއާއިން ތައާރަފުކުރި މިންގަނޑުތައް ރާއްޖެއަށް ތައާރަފުކުރެވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދަވަން ނިންމަވާފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވައި، މި އަހަރު ނިމުމުގެ ކުރިން އެ ފިޔަވަޅު ތަންފީޒުކުރެވޭ މަރުހަލާއަށް ގެންދެވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.
މި ނިންމުމަކީ އެއްވެސް ހާލެއްގައި ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުން ނޫންކަމަށާއި، ޑިޖިޓަލް މަންސަތަކުން މައުލޫމާތު ހޯދުން ފަދަ ކަންކަމަށް އެއްވެސް ހުރަހެއް ނޭޅޭނެހެން މި ފިޔަވަޅު ތަންފީޒުކުރާނީ ޒުވާނުންނާއި ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓުތަކުން ސަލާމަތްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.