ENGLISH

01 ޖޫން 2026

Advertisement

ވޭޕް މަނާކުރިއިރު ޖީލެއް ޑްރަގުގެ ތެރެއަށް ވެއްދުމަށް ވޭޕު ބޭނުންކުރަމުންދިޔަކަން ފާހަގަކުރެވުނު: ވަޒީރު އިހުސާން

01 ޖޫން 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ނިންމެވުމަށް ވޭޕު ބޭނުންކުރުމާއި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރުމަށް ރާއްޖެއިން ނިންމިއިރު، ވޭޕުގެ ޒަރީއާއިން ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ތެރެއަށް ވައްދަމުންއައިކަން ފާހަގަކުރެވިފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ. 

ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހުގެ މުނާސަބަތުގައި ދުންފަތުން ދިވެހިން ސަލާމަތްކުރުމަށް ފަސް އަހަރުގެ ހާއްސަ ޕްރޮގުރާމެއް ހިންގުމަށް ސަރުކާރުން ނިންމި ނިންމުން އިއުލާނުކުރުމަށް އިއްޔެ ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ ވޭޕު މަނާކުރުމަށް ނިންމަންޖެހުނު މައިގަނޑު އެއްސަބަބަކީ ވޭޕުގެ ތެރެއަށް ޑުރަގުގެ ބާވަތްތައް އަޅައިގެން ބޭނުންކުރާކަން ފާހަަގަވުން ކަމަށެވެ. 

އިހުސާނު އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި ޒުވާނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތީގެ ތެރެއަށް ވެއްދުމަށް ވޭޕް ބޭނުންކުރަމުންދިޔައެވެ. އެއީ ބެލެނިވެރިންގެ ފަރާތުން ސަރުކާރަށް ލިބުނު އެންމެ ބޮޑު ޝަކުވާކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

"އަދި ޖެނެރޭޝަނެއް ޑްރަގުގެ ތެރެއަށް ވެއްދުމަށް ވޭޕްގެ ޒަރީއާ ބޭނުންކުރެވެމުންދިޔަ ދިއުމަކީ މިކަމުގެ ތެރޭގައި ދެންމެ މިނިސްޓަރ އޮފް އެޑިއުކޭޝަންވެސް ފާހަގަކުރެއްވިހެން ބެލެނިވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުން. މިކަން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ލޯ އެންްފޯސްމެންޓުންވެސް ފާހަގަކުރެވިގެންއައި ހާލު އެ ޑިޒިޝަން ނަގަން ނިންމި އެންމެ ބޮޑު އެއް ރީޒަން އެއީ،" އިހުސާނު ވިދާޅުވިއެވެ. 

އޭޝިޔާ ބައްރުގެ ގައުމުތަކުގެ ތެރެއިން ވޭޕު މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ތައިލެންޑާއި ވިއެޓްނާމާއި ޓައިވާން ފަދަ ގައުމުތައް ހިމެނެއެވެ. އަދި އެމެރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ބްރެޒިލާއި ވެނެޒުއޭލާއާއި މެކްސިކޯގައިވެސް ވޭޕު މަނާކޮށްފައިވެއެވެ. 

ވޭޕް މަނާކުރުމުގެ އެއް ސަބަބެއްގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަކުރަނީ މަސްތުވުމަށް ބޭނުންކުރާ އެކި ބާވަތުގެ ތާސީރު ވޭޕަށް އަޅައިގެން ނުވަތަ އެ ތާސީރު ހިމެނޭ ގޮތަށް ތައްޔާރުކުރާ ހާއްސަ ކާޓްރެޖުތައް ބޭނުންކޮށްގެން މަސްތުވުމަށް ވޭޕު ބޭނުންކުރުން އިތުރުވުމާއި، ސީދާ ވޭޕް މަނާނުކޮށް ވޭޕު ބޭނުންކޮށްގެން މަސްތުވުން ހުއްޓުވޭނެ ގޮތެއް ނެތުމެވެ. 

ރާއްޖޭގައި ދިވެހި ސަރުކާރުން ވޭޕް މަނާކުރުމާ ހަމައަށް ސްކޫލުތަކުގެ ތެރެއިން ވޭޕް ފެނުމާއި ވޭޕްގައި އެކި ބާވަތުގެ މަސްތުވާ މާއްދާތައް ހިމަނައިގެން ބޭނުންކުރާ މިންވަރު އިތުރުވުމާއި، އާދައިގެ ވޭޕްގެ ނަމުގައި އޮޅުވާލައިގެން މަސްތުވާ މާއްދާތައް ހިމެނޭ ވޭޕުތައް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ވިއްކުމުގެ މައްސަލަތައް ފެންމަތިވަމުންދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު