ENGLISH
01 ޖޫން 2026
ލޯންޗު ޖެހުނީ ސަޕްލައި ދޯންޏެއްގައި، ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ބަލަނީ
01 ޖޫން 2026
|
އެކްސިޑެންޓްވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް- ފޮޓޯ: މެރިން ޕޮލިސް
އެންމެ މަޤްބޫލު
މިއަދު ހެނދުނު ހިނގި ކަނޑުމަތީގެ ހާދިސާގައި ލޯންޗު ޖެހުނީ ސަޕްލައި ދޯންޏެއްގައިކަމަށާއި އަދި ހާދިސާ ހިނގުމުން ދޯނި މަޑުނުކޮށްދިޔަ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ކ. ގަލުފަޅު ކައިރިން ދަތުރު ކުރި އުޅަނދެއް އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 06:19 ހާއިރުކަމަށެވެ.
އެކްސިޑެންޓް ހިނގި އިރު އެ އުޅަނދުގައި ދެ މީހުން ތިބިކަމަށާއި އެކްސިޑެންޓަށްފަހު އެ އުޅަނދު މާލޭގެ އެއް ނަންބަރު ފާލަމަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވެގެން ފަރުވާދެމުންދަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތް ދެނެގަތުމަށް ކުރި ތަހުގީގުގެ ތެރެއިން ލޯންޗު ޖެހިފައިވަނީ ސަޕްލައި ދޯންޏެއްގައިކަން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި އެކްސިޑެންޓަށްފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނައިރު މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލު މިހާރު ސްޓޭބަލްކަމަށެވެ.