ENGLISH
01 ޖޫން 2026
މިމަސް ނިމޭއިރު ބީއެމްއެލްގެ ކާޑު ލިމިޓަށް ބޮޑު ލުޔެއް ލިބޭނެ: ރައީސް
01 ޖޫން 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިހާރު ގެނެސްފައިވާ ލިމިޓްތަކަށް މި މަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ބީއެމްއެލްއަށް ދަތިތަކެއް ދިމާވެގެން މިހާރު ކާޑުތަކުގެ ލިމިޓް ކުޑަކޮށްފައިވީ ނަމަވެސް، އެކަމާ ގުޅޭ މައުލޫމާތު އެމަނިކުފާނު ސާފުކުރެއްވިއިރު އުންމީދީ ޖަވާބެއް ލިބިފައިވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއަށް ދަތިތަކެއް ދިމާވާތީވެ މިހާރު ކުޑަކޮށް ލިމިޓްކޮށްލައިގެން އެއުޅެނީ. އެހެންނަމަވެސް އިއްޔެ ރައީސް އޮފީހުން ބޭންކަށް މައުލޫމާތު ހޯދަން ބެލިއިރުގައި މި މަސް ނިމޭއިރު އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ތަނުން ލުއިކޮށްދޭނެކަމުގެ އިޝާރާތެއް ކުރައްވާފައިވަނީ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން ކުރާ މުއާމަލާތްތަކަށް ލިމިޓްތަކެއް ކަނޑައަޅަން ޖެހުނު ސަބަބަކީ، މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެ، އެ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ މަދުވެފައިވާތީ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ. މީގެ ކުރިން ބޭންކުން ދުވާލަކު 1.33 މިލިޔަން ޑޮލަރު މިފަދަ މުއާމަލާތްތަކަށް ވިއްކަމުންދިޔަ ކަންވެސް އެ ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ބޭންކުން މިހާރު އަމަލުކުރަމުން އަންނަ އުސޫލަކީ ކޮންމެ ދުވަހަކަށް އެ ބޭންކުން ކަނޑައެޅާފައިވާ ވަކި ބަޖެޓެއްގެ ތެރެއިން ޑޮލަރު ވިއްކުމެވެ. ބޭންކުން ބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ބަޖެޓް ހަމަވުމުން އެ ދުވަހަކު ބައެއް ރީޓެއިލް ސައިޓްތަކުން ވިޔަފާރި ނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ޑޮލަރު އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އެއްވެސް ލިމިޓެއް ނެތި މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކުން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ކާޑް ލިމިޓްތަކަށް ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިމިޓްތަކަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވެ އެވެ. އަދި ބައެއް ދަރިވަރުން ބެލެނިވެރިންގެ ކާޑު ބޭނުން ކުރަމުންދާތީ، އެ ކުދިންނަށް ކާޑު ހެއްދުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ހަމަމިއާާއެކު ދަރިވަރުންނަށް 1،200 ޑޮލަރާ ހަމައަށް ކާޑުން މުއާމަލާތްކުރުމަށް ދީފައިވާ ލިމިޓު ދެމިއޮންނާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ބޭރުގައި ކާޑުތަކުން ޕީއޯއެސް މުއާމަލާތްތައް ކުރެވޭ ލިމިޓު 1،000 ޑޮލަރަށް ބޮޑުކުރި ކުރުމަށް ބަދަލެއް ނުގެންނަކަން ފާހަގަކުރައްވައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ ސިއްހީ ކަންކަމަށާއި ދަތުރުފަތުރުގެ ކަންކަމަށް ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި 3،000 ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭނެ ކަމަށެވެ.
ބީއެމްއެލްއިން އިތުރަށް ބުނެފައިވާ ގޮތުގައި އެ ބޭންކުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ އިގްތިސާދު ކުރުމަށް މަޖުބޫރުވެގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ. އެހެންނަމަވެސް ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރު އިތުރުވަމުންދާ ވަރަކަށް، ރުފިޔާ ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ލުއިތައް ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ބޭންކުން ވެސް ދީފައިވެ އެވެ.