ENGLISH
30 މޭ 2026
ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ
30 މޭ 2026
|
ނިމިދިޔަ ކައުންސިލް އިންތިހާބުގެ ތެރެއިން- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓުލުމަށް ބޭނުންވާ ފޮށިތައް އަންނަ ބުދަ ދުވަހު ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
"އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ވޯޓު ފޮށިތައް ފޮނުވަން ފަށާނެ ކަަމަށެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ.
މި އިންތިހާބުގައި ޖުމްލަ ހަތް ފޮށްޓެއް ބަހައްޓާއިރު އެއީ މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށް ބަހައްޓާ ދެ ފޮށްޓާއި އައްޑޫގައި ބަހައްޓާ ފަސް ފޮއްޓެވެ.
މާލޭގައި ވޯޓުފޮށި ބަހައްޓާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގަ އެވެ. އަދި އައްޑޫ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ ހިތަދޫ ސްކޫލުގަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަނީ މައި ދެޕާޓީގެ ކެންޑިޑޭޓުން ނެވެ. އެގޮތުން ޕީއެންސީގެ ފަރާތުން މި ބައި-އިލެކްޝަނުގައި ވާދަކުރައްވާނީ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދެވެ. ސައީދަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަމްބަރު އެކެކެވެ.
ދެން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އަށް ލިބިވަޑައިގެންނެވީ ކެންޑިޑޭޓް ނަންބަރު ދެ އެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ.