ENGLISH

28 މޭ 2026

Advertisement

މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެނެސް ދަތުރުތައް ފުޅާކުރާނެ

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ގައުމީ އެއާލައިނުގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު

މި އަހަރުގެ ފަހުކޮޅު ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެވޭނަކަމަށާއި، އެއާއެކު ރަޝިޔާއާއި ދެކުނު ކޮރެއާއަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެ ކަމުގައި ގައުމީ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސްް ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ދައުލަތުގެ އެކި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ގެނެސްދިނުމަށް ކުރިއަށްގެންދާ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އިޔާސު ވިދާޅުވީ ފާއިތުވި އަހަރުގެ ޖަނަވަރީ މަހުގައި ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމަށްފަހު ދެވަނަ ބޯޓު ގެނައުމުގެ މަސައްކަތް ފެށި ނަމަވެސް އެކި ސަބަބުތަކާހުރެ ކުރިމަތިވި ތަފާތު ގޮންޖެހުންތަކުގެ ސަބަބުން އެ ބޯޓު ގެނައުމުގެ މަސައްކަތް ކުރިން އަމާޒުކުރި މުހުލަތަށްވުރެ ލަސްވެފައިވާ ކަމަށެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު ގެނައުމުގައި ކުރިމަތިވި މައިގަނޑު ގޮންޖެހުމަކީ މޯލްޑިވިއަންއިން އެ ބޯޓު ހޯދުމުގެ މަސައްކަތް ފެށިއިރު އެފަދަ ބޯޓުތަކަށް އޮތް ޑިމާންޑު އިތުރުވުމުގެ ސަބަބުން ބާޒާރުގައި ބޯޓު ލިބެންހުރި މިންވަރު މަދުވުމެވެ. 

"މިކަމުގައި އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ މާކެޓުގައި މި ބޯޓަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރު އަޅުގަނޑުމެންނަށް މި މަސައްކަތް ކުރެވެމުންދަނީ. އެހެންކަމުން އެއަރކްރާފްޓު އެވޭލަބިލިޓީ ވަރަށް ބޮޑަށް ލިމިޓްކޮށް ހުރީ. ޚާއްސަކޮށް އަޅުގަނޑުމެން ޗޫޒްކުރި ވައިޑްބޮޑީ. އެހެންވީމަ ލަސްތަކެއް އައިސްފަ މިވަނީ،" އިޔާސް ވިދާޅުވިއެވެ. 

އިޔާސް އިތުރަށް ވިދާޅުވީ ބޯޓު ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ނަމަވެސް، ގައުމީ އެއާލައިނުން ބޭނުންވާ މަރުކާގެ ބޯޓު އުފައްދާ އެއާބަސްް ކުންފުންޏާއެކު މަޝްވަރާކުރެވި ދެކެވުނު ވާހަކަތަކުން ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ފަހުކޮޅުގައި ދެވަނަ ވައިޑް މަތިންދާ ބޯޓު ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޓު ގެނައުމާއެކު ކުރިން މޯލްޑިވިއަންއިން ދަތުރުނުކުރާ ބައެއް މަންޒިލުތަކަށް އަލަށް ދަތުރުތައް ފަށާނެ ކަމަށް އިޔާސް ވިދާޅުވިއެވެ. 

އިޔާސް ވިދާޅުވި ގޮތުގައި މޯލްޑިވިއަންއިން އަލަށް ދަތުރުކުރާނެ މަންޒިލުތައް ކަނޑައެޅީ ބައިނަލްއަގުވާމީ ފެންވަރުގައި ފަންނީ ލަފާ ހޯދައިގެން، ހަރަދުގެ ގޮތުން ދެކޮޅުޖެހޭނެ ގޮތްތަައް ދެނެގަތުމަށް ދިރާސާތައްވެސް ހަދައިގެންނެވެ. އަދި އެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ރަޝިޔާއާއި ކޮރެއާއަށް ގައުމީ އެއާލައިނުން ދަތުރުތައް ފަށާނެކަމަށް އެމްޑީ ވިދާޅުވިއެވެ. 

"މިމަސައްކަތާއެކު އަޅުގަނޑުމެން ވާނެ މިކަމުގައި ބައިނަލްއަޤުވާމީ ފްރޮފެޝަނަލް ކޮންސެލްޓަންސީ މަސައްކަތްތަކެއް ކުރެވިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަން ބަލާއިރު އަޅުގަނޑުމެން އެންމެ އިސްކަންދޭންވީ ކޮން ތަންތަނެއްތޯ ބެލުމަށް ފީސަބިލިޓީ ސްޓަޑީތަކެއް ވާނީ ހަދާފައި. އެގޮތުގެމަތިން ކުރިއަށްއޮތްތާގައި އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާއާއި ސައުތު ކޮރެއާއަށް ދަތުރުތައް ފެށުމަށް މަސައްކަތް މިހާރު ކުރެވެމުންދަނީ.،" އިޔާސް ވިދާޅުވިއެވެ. 

މޯލްޑިވިއަންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ވައިޑް-ބޮޑީ މަތިންދާބޯޓު ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން  އެއަރބަސް އޭ330-200 މަރުކާގެ މަތިންދާ ބޯޓެއް ގެނައި ހިދުމަތް ފެށީ ނިމުނު އަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހެވެ. 

މި މަތިންދާބޯޓު ހިދުމަތަށް ނެރުމާއެކު ސައުދީ އަރަބިއްޔާއާއި ޗައިނާގެ ބައެއް ސިޓީތަކާއި، އިންޑިޔާއާއި ބަންގުލަދޭޝަށް ގައުމީ އެއާލައިނުން މިހާރު އަންނަނީ ދަތުރުތައް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު