ENGLISH

28 މޭ 2026

Advertisement

ވަން ގަވްގެ ހިދުމަތް ފުޅާކުރުން؛ ސަރުކާރުން ދޭ ހިދުމަތްތަކުގެ 70 އިންސައްތަ އެ މަންސައިން ލިބޭ ގޮތް ހަދަނީ

28 މޭ 2026

|

ޝިފްޒާން އަޙްމަދު

މައިންޑްކޯގެ ސީއީއޯ ސައީދާ އުމަރު

ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ވައުދުފުޅުގެ ދަށުން މިހާރު ވަންގަވް މެދުވެރިކޮށް ދެމުންދާ ހިދުމަތްތަައް އިތުރުކޮށް ސަރުކާރުގެ އެކި އިދާރާތަކުން ދޭ ހިދުމަތްތަކުގެ 70 އިންސައްތަ ހިދުމަތް އެ މަންސައިން ލިބޭނެ ގޮތް މި އަހަރު ނިމުމުގެ ކުރިން ހަމަޖެއްސުމަކީ އަމާޒެއްކަމަށް އެ މަންސަ ތަރައްގީކޮށް ބަލަހައްޓާ މައިންޑްކޯއިން ބުނެފިއެވެ. 

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިންގާ އިދާރާތަކާއި ކުންފުނިތަކުގެ މަސައްކަތްތަކާއި، އިގުތިސާދާ ގުޅުންހުރި މުހިއްމު މަސައްކަތްތަކުގެ މައުލޫމާތު ގެނެސްދިނުމަށް ތައްޔާރުކޮށް ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ އެ ކުންފުނިން މިހާރު ދެ މަންސައެއް ތައްޔާރުކޮށް ބަލަހައްޓައި ތަރައްގީކުރަމުންދާ ކަމަށެވެ. 

ސައީދާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ތަރައްގީކޮށް ބަހަަލައްޓާ އެއް މަންސައަކީ ރާއްޖޭގެ ބޯޑަރުން މުދާ އެތެރެކުރުމުގައި ފޯރުކޮށްދޭންޖެހޭ އެކި ހިދުމަތްތައް އެއް ތަނަކުން ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ނޭޝަނަލް ސިންގަލް ވިންޑޯ މަންސަ ކަމުގައިވާ ޓްރޭޑިއަންއެވެ. މިއީ ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެއަށް  މުދާ އެތެރެކުރާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް އެއް މަންސައަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަރުމާކޮށްފައިވާ މަންސައެކެވެ. 

އެ މަންސައިގެ އިތުރަށް ދެން މައިންޑްކޯއިން ތަރައްގީކޮށް ބަލަހައްޓާ މަންސައަކީ ސަރުކާރު އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަރުމާކޮށްފައިވާ "ވަން ގަވް" ޕްލެޓުފޯމު ނުވަތަ މަންސައެވެ. އެ މަންސައިގެ ތެރެއިން މިހާރުވެސް ސަރުކާރުގެ ވަރަށް ގިނަ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލިބެމުންދެއެވެ. 

ސައީދާ ވިދާޅުވި ގޮތުގައި މިހާރު އެ މަންސަ މެދުވެރިކޮށް 23 އިދާރާއަކުން ފޯރުކޮށްދޭ 400 އަށްވުރެ ގިނަ ހިދުމަތް އާއްމުންނަށް ލިބެން ހުންނާނެއެވެ. އަދި އެ މަންސަ މެދުވެރިކޮށް ލިބޭ ހިދުމަތްތައް އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް މައިންޑްްކޯއިން ކުރަމުންދާކަން ފާހަގަކުރައްވައި މި އަހަރު ހާސިލުކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އަމާޒުތައް ސައީދާ ހިއްސާކުރެއްވިއެވެ. 

"މި އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށްްވެފައި މިއޮތީ ސަރުކާރުގެ އެކި އިދާރާތަކުން ދެމުންދާ ހިދުމަތްތަކުގެ 70 އިންސައްތަައާ ގާތްކުރާ މިންވަރަކަށް ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް އެ ޕްލެޓުފޯމުގެ ތެރެއަށް ގެނައުމަށް މަސައްކަތްކުރުން. އަދި ކައުންސިލުތަކުންވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ 40 އިންސައްތަވެސް އެ ޕްލެޓުފޯމުން ފޯރުކޮށްދިނުމަށް މަސައްކަތްކުރުން،" ސައީދާ ވިދާޅުވިއެވެ. 

ސައީދާ ވިދާޅުވި ގޮތުގައި މި އަހަރު "ވަން ގަވް"ގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްކުރާއިރު އާބާދީގެ އެކި ބައިތަކަށް އެ ހިދުމަތަށް ވާސިލުވުމުގައި ހުރި ހުރަސްތައް ނެތިކޮށްލުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެގޮތުން މިހާރު އެ މަންސައިގެ ގިނަ ހިދުމަތްތައް އިނގިރޭސިބަހުން ހުރިއިރު، މި އަހަރު ތެރޭގައި އެ ހިދުމަތްތައް ދިވެހި ބަހުން އެކުލަވައިލުމުގެ މަސައްކަތްކުރާނެކަން އެމްޑީ ހާމަކުރެއްވިއެވެ. 

އެމްޑީ އިތުރަށް ވިދާޅުވީ މިފަދަ ހިދުމަތްތައް ތަރައްގީކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ އެކަށީގެންވާ މިންވަރަށް ހުނަރުވެރި މަސައްކަތްތެރިން ނެތުމެވެ. އެ ސަބަބަށްޓަކައި ފަންނީ މީހުން ތަރައްގީކުރުމަށް ފިއުޗާ އިންސްޓިޓޫޓްގެ ނަމުގައި ހާއްސަ މުއައްސަސާއެއް ގާއިމުކޮށް، އެތަނުގެ ކޮމްޕިޓެންސީ ފްރޭމްވޯކު އެކުލަވައިލާ، ކޯސްތައްވެސް ފަރުމާކުރެވި، ވަރަށް އަވަހަށް ކޯސްތައް ހިންގަން ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު