ENGLISH

28 މޭ 2026

Advertisement

ޓުރަމްޕުގެ ބޯޑް އޮފް ޕީސް ފަންޑުގައި ފައިސާއެއް ނެތް؛ ޣައްޒާ އާރާސްތުކުރުން ނުފެށޭ

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ބޯޑް އޮފް ޕީސް އެކުލަވައިލެއްވުމުގެ ލިޔުމުގައި ޓުރަމްޕު ސޮއިކުރައްވަނީ، ފޮޓޯ: ރޮއިޓާސް

ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު އެކުލަވައިލެއްވި ބޯޑް އޮފް ޕީސް ސިޔާސީ އަދި ގާނޫނީ ހުސްކަމުގައި ތާށިވެފައިވާއިރު އެ ބޯޑުގެ ފަންޑުގައި އެއްވެސް ފައިސާއެއް ނެތުމުގެ ސަބަބުން ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތް މަޑުޖެހިއްޖެއެވެ. 

އެ ބޯޑުގެ ދާއިމީ މެންބަރުކަން އެއް ބިލއިަން ޑޮލަރު ދެއްވާ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް ލިބިވަޑައިގަންނަވާ ގޮތަށް ފަރުމާކުރައްވަައި އިއުލާނުކުރައްވަމުން ޓުރަމްޕު ސިފަކުރެއްވި ގޮތުގައި އެ ބޯޑަކީ ދުނިޔޭގެ ތާރީހުގައި އެކުލަވައިލެވޭ އެންމެ މުހިއްމު ބައިނަލްއަގުވާމީ ޖަމްއިއްޔާއެވެ. ބޯޑުގެ މެންބަރު ގައުމުތަކުންވަނީ ޣައްޒާގެ ރިލީފު ފަންޑަށްް ހަތް ބިލިއަން ޑޮލަރު ދެއްވަން ވައުދުވެވަޑައިގެންފަައެވެ. އަދި ޓުރަމްޕުވަނީ އެމެރިކާއިން އިތުރު 10 ބިލިއަން ޑޮލަރު ދޭނެކަމަށް ވިދާޅުވެފައެވެ. 

ބޯޑު އެކުލަވައިލެއްވިތާ ހަތަރު މަސް ފާއިތުވިއިރު ވޯލްޑް ބޭންކުން ބަލަހައްޓާ ބޯޑުގެ ފަންޑަށް މިހާތަނށް އެއްވެސް ގައުމަކުން ފައިސާ ޖަމާވެފައި ނުވާކަމަށް ބޯޑުގެ ތަރުޖަމާނާއި ބޯޑުގެ ހާލަތާ ގުޅޭ ތަފުސީލުތައް އެނގިވަޑައިގަންނަވާ އިތުރު ބޭފުޅުންނާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވެއެވެ. 

ނަމަވެސް ޕޯސް ބޯޑުން ޖޭޕީ މޯގަން ބޭންކުގައި ގާއިމުކުރި އެ ބޯޑުގެ އެކައުންޓަށް ބައެއް ގައުމުތަކުން ފައިސާ ޖަމާކޮށްފައިވާކަމަށް ބޯޑުގެ ތަރުޖަމާނު ވިދާޅުވިއެވެ. ވޯލްޑް ބޭންކުން ބަލަހައްޓާ ފަންޑަށް ލިބޭ ފައިސާގެ ތަފުސީލު ފައިސާ ހަދިޔާކުރާ ގައުމުތަކާއި ބޯޑުގެ މެންބަރުންނަށް އެބޭންކުން ރިޕޯޓުކުރަންޖެހޭއިރު ޖޭޕީ މޯގަންގެ އެކައުންޓަށް ޖަމާކުރާ ފައިސާއާ ގުޅޭ ތަފުސީލު ހާމަކުރާނެ އިންތިޒާމުތަކެއް ތަރުތީބުކޮށްފައިނުވެއެވެ. 

ބޯޑް އޮފް ޕީސްގެ މަސްއޫލުވެރިޔަކު ނަން ހާމަނުކުރުން ޝަރުތުކުރައްވައި ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވޯލްޑް ބޭންކުގެ އިންތިޒާމުގެ އިތުރަށްވެސް ބޯޑަށް ފައިސާ ހަދިޔާކުރެވޭނެ އެހެނިހެން އިންތިޒާމުތައް ތަރުތީބުކޮށްފައިވާކަމަށެވެ. އަދި މެންބަރު ގައުމުތަކުން ފައިސާ ބޯޑަށް ހަދިޔާކުރުމުގައި ވޯލްޑް ބޭންކު މެދުވެރިގެން ފައިސާ ހަދިޔާކުރުން ނޫން ގޮތްތައް އިހުތިޔާރުކޮށްފައިވާ ކަމަށެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެ ފަންްޑަށް ލިބުނު ފައިސާގެ ތަފުސީލުތައް ބޯޑުގެ ހިންގާ ކޮމިޓީއަށް ރިޕޯޓުކުރާނެ ކަމަަށެވެ. ބޯޑް އޮފް ޕީސްގެ ހިންގާ ކޮމިޓީގައި ތިއްބަވަނީ ޓުރަމްޕު ސަރުކާރުގެ އިސް އޮފިޝަލުންނާއި، އެޑްވައިޒަރުންނެވެ. އެ އޮފިޝަލު ވިދާޅުވި ގޮތުގައި މި ފައިސާގެ އަދަދުތައް ހިއްސާކުރާނީ އެކަމަށް އެކަށީގެންވާ އެންމެ މުނާސަބު ވަގުތުގައެވެ. 

ހަނގުރާމައަށްފަހު ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތަށް ބޯޑުގެ އެންމެ އިސް މަންދޫބެއްގެ ގޮތުގައި ކަޑައަޅާފައިވާ ނިކޮލާއީ މްލަޑެނޯވްގެ އޮފީހާއި ބޯޑުން އެކުލަވައިލި ފަލަސްޠީނުގެ ޓެކްނޮކްރޭޓު ކޮމިޓީގެ މެންބަރުންގެ މުސާރައިގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާގެ ގޮތުގައި ތިން މިލިއަން ޑޮލަރު މަޣުރަބުން އަދި 20 މިލިއަން ޑޮލަރު އެކުވެރި ޢަރަބި އިމާރާތުން ދީފައިވެއެވެ. 

އަދި ޣައްޒާގެ ދާހިލީ ސަލާމަތީ ކަންކަން ބެލެހެއްްޓުމަށް ބޭނުންވާ ފުލުހުން ތަމްރީނުކުރުމަށް އެކުވެރި ޢަރަބި އިމާރާތުން އިތުރު 100 މިލިއަން ޑޮލަރު ދީފައިވާއިރު، އެ ޕްރޮގުރާމު އަދި ނުފެށެއެވެ. އެ ފައިސާ ހުރީ ގަނޑުކޮށްފައިކަމަށް އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ދެ ބޭފުޅަކު ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެއްވިއެވެ. 

އެ ބޯޑުން ކުރިއަށްގެންދަން ރާވާފައިވާ މަޝްރޫއުތައް ހިންގުމަށް ދެ ބިލިއަން ޑޮލަރުގެ އެހީ ހަމަޖެއްސުމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ނިންމާފައިވެއެވެ. އެހެންނަމަވެސް މި ފައިސާއަކީ ސީދާ ބޯޑަށް ދޭނެ ފައިސާއެއް ނޫނެވެ. އަދި މިހާތަނަށް އެ ފައިސާ ހަރަދުކުރަން ފަށާފައި ނުވެއެވެ. 

ބޯޑުގެ ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް ބޯޑަށް 50 މިލިއަނެއްހައި ޑޮލަރު ދޭން ބޭނުންވާކަމަށް ސްޓޭޓު ޑިޕާޓުމެންޓުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދީފައިވެއެވެ. އަދި އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ ފައިސާގެ ކަންކަން ބަލަހައްޓާނެ އުސޫލުތަކާއި ހަރަދުކުރުމުގެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެހެންދެން އެ ފައިސާވެސް ބޯޑާ ހަވާލުކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމށެވެ.

ޣައްޒާގެ ސަލާމަތީ އަދި ބިނާރާ ގުޅުންހުރި ބައެއް މަސައްކަތްކުރާނެ މީހުން ހޯދުމަށް ބޯޑުން ޓެންޑާ މަރުހަލާ ފަށާފައިވީ ނަމަަވެސް މިހާތަނަށް އެއިން އެއްވެސް މަސައްކަތެއް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިނުވާނެ ކަމަށް ބޯޑުގެ އޮފިޝަލުން ވިދާޅުވެއެވެ. ޙަމާސްއިން ހަތިޔާރު ބަހައްޓަން އެއްބަސްނުވާތީ އަދިވެސް ބޯޑުގެ މަސައްކަތްތައް ޣައްޒާގައި ފެށިފައިނުވުމަކީ ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކުރުން ލަަސްވާ ސަބަބެއްކަމަށް އެ އޮފިޝަލުން ވިދާޅުވެފައިވެއެވެ. 

ޖަނަވަރީ މަހު ޓުރަމްޕު އެ ބޯޑު އިފުތިިތާހުކުރެއްވުމާއެކު ބޯޑުގެ ފުރަތަމަ މިޝަނެއްގެ ގޮތުގައި ކަނޑައެޅުއްވީ ދެ ހަރުވީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ޣައްޒާ އާރާސްތުކުރުމެވެ. ބޯޑުގެ އެޑްވައިޒަރު އަދި ޓުރަމްޕުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާވަނީ އޭއައިގެ މައްޗަށް ބިނާކޮށްފައިވާ ޒަމާނީ ސިޓީއެއްގެ ގޮތުގައި ޣައްޒާ ބިނާކުރުމުގެ ޕްލޭނެއް ހިއްސާކުރައްވާފައެވެ. 

އީޔޫއާއި އދ.އާއި ވޯލްޑް ބޭންކު އެކުވެގެން ތައްޔާރުކުރި އަންދާޒާތަކަށް ބަލާއިރު ޣައްޒާ އަލުން އާރާސްތުކުރުމަށް ކުރިއަށް އޮތް ދަހަރެއްހައި ދުވަހުގެ ތެރޭގައި 70 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޭދަވާނެއެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ހަަމަލާތައް ވަގުތީ ގޮތުން މެދުކަނޑައިލުމުގެ އެއްބަސްވުމަކަށް ވާސިލުވެވުމާއެކު ޓުރަމްޕުވަނީ ޙަމާސް އަތުން ހިތިޔާރު އަތުލައި އިސްރާއީލު އަސްކަރިއްޔާ ޣައްޒާއިން ބާލައި، ޣައްޒާ އާރާސްތުކޮށް އަލުން ބިނާކުރުމުގެ ޕްލޭނެއް އިއުލާނު ކުރައްވާފައެވެ. 

ނަމަވެސް މިހާތަނަށް ޓުރަމްޕު އިއުލާނުކުރެއްވި މައިގަނޑު ތިން އަމާޒުގެ ތެރެއިން އެއްވެސް ކަމެއް ހާސިލުކުރެވި ހަގީގަތަކަށް ހެދިފައި ނުވެއެވެ. ހަަނގުރާމައަށްފަހު ޣައްޒާ ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާ ގޮތުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅުން ވިދާޅުވާ ގޮތުން ޣައްޒާ އާރާސްތުކުރުމަށް އެެންމެ ޑޮލަރެއްވެސް މިހާތަނަށް ހޭދަކުރެވިފައި ނެތެވެ. 

ކިޔުންތެރިންގެ ހިޔާލު