ENGLISH

28 މޭ 2026

Advertisement

ޝަހުޒާނު ޖަލަށް ލެވުނީ ޖިނާއީ ކުށެއް ކޮށްގެން، ކޯޓުން އަދަބުވެސް ލުއިކުރި: ސިއްދީގު

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު އަހްްމަދު ސިއްދީގު

އޮންލައިން ނޫސް "އަދަދު"ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނުގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ޖިނާއީ ކުށެއް ކުރުމުންކަމަށާއި، އެ ކުށް ސާބިތުވެ ހުކުމްކުރިއިރު، އަދަބު ލުއިކޮށްދީފައި އޮތްކަން ހުކުމުން އެނގޭކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެެވެ. 

އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ގިނަ ތުހުމަތުތަކެއް އަޅުވައި، އެމަނިކުފާނާމެދު ޤަޛުފުކޮށް ތައްޔާރުކުރި ވީޑިޔޯއާ ގުޅިގެން، އެ ވީޑިޔޯގައި ހިމެނޭ ވާހަކަތައް ތަކުރާރުކުރުމާއި އާއްމުކުރުން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އޯޑަރެއް ނެރުނެވެ. އެ އަމުރު ނެރެފައިވަނިކޮށް އެ އަމުރާ ހިލާފުވެ، އެ ވީޑިޔޯގައި ހިމެނޭ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަހުޒާނުވަނީ ރައީސާ ސުވާލުކޮށްފައެވެ. 

އެ ތުހުމަތުތައް މީޑިޔާގައި އާއްމުކޮށް ސުވާލުކުރުމާ ގުޅިގެން ކްެރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި މައްސަލާގައި އެ ކޯޓުން ޝަހުޒާނުގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވި ކަމަށް ކަނޑައެޅިއެވެ. ކޯޓު އަމުރުގައި އެ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމަށް ބަލައި އަދަބުދެވޭނެ ކަމުގައި ބަޔާންކޮށްފައި އޮތެވެ. 

މި މައްސަލައާ ގުޅިގެން ސިއްދީގު އެކްސްގައި ކުރެއްވި ޕޯސްޓުގައި ޝަހުޒާނުގެ މައްޗަށް އިއްވި ހުކުމު ހިއްސާކުރައްވަމުން ވިދާޅުވީ ޝަހުޒާނު 15 ދުވަހަށް ޖަލަށްލެވުނީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ކްރމިނަލް ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރުމަށް ކަމަށެވެ. އެއީ ނޫސްވެރިކަން ކޮށްގެން ކޯޓުން ކުރި ހުކުމެއް އަދި ދެވުނު އަދަބެއްވެސް ނޫންކަމަށް ސިއްދީގު ވިދާޅުވިއެވެ. 

އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށް ސާބިތުވުމުން ޝަހުޒާނުގެ މައްޗަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖުލު ހުކުމެއްކަމަށާއި، އެ ހުކުމް އިއްވެވީ އެ މައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުންކަން ސިއްދީގު ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް ޖަލު ހުކުމުގެ ތެރެއިން ހަތަރުމަހާއި ނުވަ މަސްދުވަސް ޖޫރިމަނާއަށް ބަދަލުކޮށް 25،800 ރުފިޔާއިން ޖޫރިމަނާކޮށް، އަދަބ ލުއިކޮށްދީ، ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު 15 ދުވަހަށް ކޯޓުން ކުރުކޮށްދީފައި އޮތްކަން ހުކުމުން ސާފުކޮށް އެނގޭކަމަށްވެސް ސިއްދީގު ވިދާޅުވިއެވެ. 

"ނޫސްވެރިކަމުގެ ފާހަކީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމަށް އޮތް ހުއްދަ އަކަށް ނުވާނެކަން ނޫސްވެރިން ވެސް ޤަބޫލުކުރައްވާ.،" ސިއްދީގު ވިދާޅުވިއެވެ. 

އިތުރަށް ސިއްދީގު ވިދާޅުވީ ނޫސްވެރިން ސިޔާސީނުވުމަކީ ހަމަހަމަ ގޮތެއްގައި ހަބަރާއި މައުލޫމާތު ފެތުރުމުގައި އާއްމުންގެ އިތުބާރު ނޫސްވެރިންނަށް ލިބޭނެ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު