ENGLISH
28 މޭ 2026
ރާއްޖެއާއި ނޭޕާލުގެ ގާތް ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ގުޅުމެއް: ރައީސް
28 މޭ 2026
|
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނޭޕާލުގެ ކުރީގެ ބޮޑުވަޒީރާ ބައްދަލުކުރައްވަނީ
އެންމެ މަޤްބޫލު
ސާކުގައި ހިމެނޭ އަވައްޓެރި ނޭޕާލާއި ރާއްޖޭގެ މެދުގައި އޮތް އެކުވެރި ގުޅުމަކީ އަބަދުވެސް ރާއްޖެއިން އަގުވަޒަންކުރާ ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ތަހުނިޔާގެ މެސެޖެއްގަައެވެ. އެމަނިކުފާނުވަނީ އެ ގައުމުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ނޭޕާލުގެ ރައީސް ރިޓަޔަޑް އޮނަރަބަލް ރަމްޗަންދްރަ ޕޯޑެލްއާއި އެގައުމުގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް އަދި ނޭޕާލު ސަރުކާރާއި ރައްޔިތުންނަށް މުބާރަކުބާދީ އަރިސްކުރައްވައި ތަހުނިޔާ ވިދާޅުވެފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ނޭޕާލުގެ ޖުމްހޫރީ ދުވަހަކީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށް ނޭޕާލު ރައްޔިތުން ކުރި އަގުނުކުރެވޭ މަސައްކަތްތައް ފާހަގަކުރަންޖެހޭ ތާރީހީ ދުވަހެކެވެ. އަދި ނޭޕާލަކީ މުޅިން ތަފާތު އަމިއްލަ ގައުމީ ޝަހުސިއްޔަތެއް ލިބިގެންވާ ޝަރަފުވެރި މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ގައުމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި ނޭޕާލުގެ މެދުގައި އޮތް އުލްފަވެރި ގުޅުމަކީ އަބަދުވެސް ރާއްޖެއިން ފުންކޮށް އަގުވަޒަންކުރާ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި ދެގައުމަށް ފައިދާވަނިވި މަސްލަހަތުތައް ކުރިއަށްނެރެ އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އިސްކަންދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ނޭޕާލުގެ މެދުގައި އޮތް ބަދަހި ގުޅުން އެގޮތުގައި ދަމަހައްޓަމުންދާނެ ކަމުގައި އުންމީދުކުރައްވާ ކަމަށާއި، ދެ ގައުމަށް ފައިދާވާ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ނޭޕާލު ރައްޔިތުން މަސައްކަތްކުރެއެވެ. ހާއްސަކޮށް ހިދުމަތުގެ ދާއިރާގައި ނޭޕާލު މީހުން ރާއްޖޭގައި މަސައްކަތްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ނޭޕާލަކީ މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ދިވެހިން ދާ ގައުމެކެވެ. ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެއް ގައުމަކީ ނޭޕާލެވެ.