ENGLISH

28 މޭ 2026

Advertisement

އަޒަރްބައިޖާނުގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާކަމަށް ރައީސް ވިދާޅުވެއްޖެ

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް، ފޮޓޯ: ރައީސް އޮފީސް

އަޒަރްބައިޖާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރެއްވުމާއެކު ފާއިތުވި ދުވަސްތަކުގައި ރާއްޖެއާއި އަޒަރްބައިޖާނުގެ މެދުގައި ކުރެވުނު މުއާމަލާތްތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިހުނަށްވުރެ ބަދަހިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ރައީސްވަނީ އަޒަރްބައިޖާނުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އިލްހާމް ހައިދަރް އޮގްލޫ އަލިޔެވް އަދި އެ ގައުމުގެ ބޮޑުވަޒީރު އަލީ ހިދާޔަތު އޮގްލޫ އަސަދޯވްއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. 

މިިނިވަންވުމަށްފަހު، އެ ގައުމުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ގައުމު ތަރައްގީކުރުމުގެ މަސައްކަތުގައި އަޒަރްބައިޖާނުން ބޮޑެތި ކާމިޔާބުތަކެއް ފާއިތުވި މުއްދަތުގައި ހޯދާފައިވާކަން ފާހަގަކުރައްވަމުން، މުސްތަގުބަލުގައި ބާއްޖަވެރި ދުވަސްތަކެއް އަޒަރްބައިޖާނަށް މިންވަރުކުރެއްވުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. 

އިތުރަށް ރައީސް ފާހަގަކުރެއްވީ ފާއިތުވި އަހަރުތަކުގައި އަޒަރްބައިޖާނާއި ރާއްޖެއާ ދެމެދުގައި ކުރެވުނު މުއާމަލާތްތަކުގެ ތެރެއިން ވިޔަފާރިއާއި ރައްޔިތުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް ވަރުގަދަކުރެވޭނެ ގޮތްތައް ދިރާސާކުރެވިފައިވާ ކަމެވެ.

އަދި ރާއްޖެއާއި އަޒަރްބައިޖާނުގެ މެދުގައި އެ ދެ ދާއިރާއާއި އެހެނިހެން ދާއިރާތަަކުން ގުޅުން ބަދަހިކުރުމަށް ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. 

2024 ވަަނަ އަހަރުގެ ނޮވެންބަރު މަހުގައި ކޮޕް-26 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒުވަނީ އަޒަރްބައިޖާނުގެ ވެރިރަށް ބާކޫއަށް ޒިޔާރަތްކުރައްވާފައެވެ. އަދި ކޮޕް-29 ސަމިޓުގެ ހަވާސާގައި އަޒަރްބައިޖާނުގެ ރައީސް އިލްހާމް އަލިޔެވްއާ ބައްދަލުކުރައްވައި ރާއްޖެއާއި އަޒަރްބައިޖާނުގެ ގުޅުން އިތުރަށް ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ. 

އަޒަރްބައިޖާނަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުން ގާއިމުކުރެވުނީ މި ސަރުކާރުގައެވެ. އަދި އެ ގައުމުގެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީވެސް މިވެރިކަމުގައެވެ. އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ކުރިއާ އަޅާބަލާއިރު މި ދައުރުގައި އިތުރުވެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު